ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 08:36
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ރައީސް އޮފީސް
ނޫސްވެރިޔާ ރިލްވާން
ރިލްވާން މައްސަލައިގެ ތަހުގީގަށް މިނިސްޓަރު އަލީ ވަހީދު ބަޔާން ދެއްވައިފި
އަލީ ވަހީދުގެ އިތުރަށް އެހެން ބައެއްގެ ބަޔާން ވެސް ވަނީ ނަގާފައި
މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދާނީ ބޭރުގެ ޖަމިއްޔާތަކާއި ފަންނީ ތަޖުރިބާކާރުންގެ އެހީއާއެކު

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ ތަހުގީގަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު "ގެއްލުވާލާފައިވާ މީހުންނާއި، މަރުތައް ތަހުގީގުކުރާ ކޮމިޝަން"އަށް އަންގާރަ ދުވަހު ހާޒިރުވެވަޑައިގެން ބަޔާން ދެއްވައިފިއެވެ.

ކޮމިޝަންގެ ޗެއާމަން ހުސްނުއްސުއޫދު ވިދާޅުވީ އަލީ ވަހީދުގެ އިތުރުން ރިލްވާން މައްސަލައިގެ ތަހުގީގަށް އެހެން ބަޔަކު ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.

ސުއޫދު މީގެ ކުރިން ވިދާޅުވެފައިވަނީ ގެއްލިފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދާނީ ބޭރުގެ ޖަމިއްޔާތަކާއި ފަންނީ ތަޖުރިބާކާރުންގެ އެހީއާއެކު ކަމަށާއި، މަސައްކަތް ކުރިއަށް ގެންދާއިރު، އެކަމާ ގުޅުންހުރި އާއިލާތަކާއި މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި އެ މައްސަލަތަކުގެ އެންމެ ފުނަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރަށް ސުއޫދު ވިދާޅުވީ ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދަވާނީ ވަރަށް ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަކަށް ކަމަށާއި ނޫސްވެރިންނަށް ކަންކަން ހާމަކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަށް ގިނަ އިންޒާރުތަކެއް ދިނުމަށްފަހު އޭނާ ވަގަށް ނަގާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހު އެވެ.

ރިލްވާން ވަގަށް ނެގިތާ ހަތަރު އަހަރު ވީއިރުވެސް ފުލުހުންނަށް އޭނާ ހޯދިފައި ނުވާއިރު ރިލްވާން ހޯދަން ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާލީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ.

އެއަށް ރައްދު ދެއްވައި ދ. މަޑަވެލީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިލްވާން މަރުވެފައިވާ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެ އަތޮޅު ފަރެސްމާތޮޑާ އަށް ވަޑައިގެން ރައީސް ވަނީ އެ ވާހަކަތަކަށް މައާފަށް އެދިވަޑައިގެންފައެވެ. އަދި އިރާދަކުރެއްވިއްޔާ ރިލްވާން ފެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް