ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 17:36
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ހުށަހެޅި އިސްލާހު ބަލައިގެންފި
އިސްލާހު ބަލައިގަތީ 53 މެމްބަރުންގެ އަގުލަބިއްޔަތުން

އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ އާރިފު ހުށަހެޅުއްވި ބިލު ބަލައިގަނެ، ވަގުތީ ކޮމެޓީއަކަށް ފޮނުވައިފިއެވެ.

ވެރިކަމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށް ހުށަހެޅި އެ އިސްލާހު މަޖިލީހަށް ބަލައިގަތީ 53 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އުމުރުން 35 އަހަރު ފުރުމުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލެވޭ ގޮތަށް އާރިފު ހުށަހެޅި އިސްލާހު ބަލައިގަނެ، ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް ވަނީ ފޮނުވާފައެވެ.

އެ ބިލު ދިރާސާ ކުރުމަށް ހޮވި ވަގުތީ ކޮމެޓީގައި ހިމެނެނީ ބިލު ހުށަހެޅުއްވި ކެލާ ދާއިރާގެ މެމްބަރު އާރިފާއި ކުޅުދުއްދުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އާއި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އިތުރުން އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ.

ގާނޫނުއަސާސީއަށް މިހާރު ގެނެސްފައިވާ ބަދަލުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ. އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ޕީޕީއެމުންނެވެ. ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބު ނައިބު ރައީސްގެ މަގާމަށް ގެނައުމަށް، ގާނޫނުއަސާސީއަށް ގެނައި ފުރަތަމަ އިސްލާހުގެ ގޮތުގައި، އެ ބިލު މަޖިލީހުން ފާސްކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު 78 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް