ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 23:08
ރައީސް ޔާމީން ސަރުކާރުގެ ކެބިނެޓުގެ ބައެއް ވަޒީރުން
ރައީސް ޔާމީން ސަރުކާރުގެ ކެބިނެޓުގެ ބައެއް ވަޒީރުން
ރައީސް އޮފީސް
އީވާ އަބްދުﷲ
ޔާމީނުގެ ސަރުކާރުގެ ކެބިނެޓުގެ އެއްވެސް ވަޒީރަކު މާލީ ބަޔާން ހުށަނާޅުއްވާ
ޔާމީނުގެ މާލީ ބަޔާން ހުށަހެޅުއްވީ ވެރިކަމުގެ ފަހު ދުވަހު
އައު ސަރުކާރަށް ވަނީ މާލީ ހާލަތާއި ދަރަނީގެ ތަފްސީލް ދެނެގަންނަން ދަތިވެފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މާލީ ބަޔާން ހުށަހެޅުއްވީ ވެރިކަމުގެ ފަހު ދުވަހު ކަމަށާއި އެމަނިކުފާނުގެ ކެބިނެޓުގެ އެއްވެސް ވަޒީރަކު ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ އަބްދުﷲ އެގޮތަށް ވިދާޅުވީ އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތާ ހަވާލާ ދެއްވައެވެ.

"އޮޑިޓަރ ޖެނެރަލް އާއި ވާހަކަ ދެކެވުނު އިރު އޮޑިޓަރ ޖެނެރަލް ވިދާޅުވި ރައީސް ޔާމީނުގެ މާލީ ރިޕޯރޓް، މާލީ ބަޔާން ހުށައެޅުއްވީ އެންމެ ފަހު ދުވަހު އެކަންޏޭ. އަދި ވިދާޅުވި 5 އަހަރު ޤާނޫނުގައިވާ ގޮތަށް، ޤާނޫނު އަސާސީގައިވާ ގޮތަށް ރައީސް ޔާމީނުގެ ކެބިނެޓުގެ އެއްވެސް ބެފުޅަކު މާލީ ބަޔާން ހުށަ ނަޅުއްވައޭ. 5 އަހަރު ވޭތުވެގެން ދިޔަ އިރު ޤާނޫނާއި ޚިލާފާށް ރައީސް ޔާމީނުގެ ކެބިނެޓް އެ ތިއްބެވި މާލީ ބަޔާން ހުށަ ނާޅުއްވާ" އީވާ ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އީވާ އަބްދުﷲ

އައު މާލީ ވަޒީރާއި، އޮޑިޓަރ ޖެނެރަލް އަދި އެމްއެމްއޭގެ ގަވަރނަރާ ވާހަކަފުޅު ދެއްކެވި ކަމަށް ވިދާޅުވަމުން އިވާ ވިދާޅުވީ، ބަޖެޓް ދިރާސާ ކުރާ މަރުހަލާގައި ވަރަށް ގިނަ ކަންތައްތައް ފާހަގަ ކުރެވުނު ކަމަށާއި، ފާއިތުވި ސަރުކާރުގައި މާލީ ކަންކަން ގެންދަވާފައި ވަނީ ވަރަށް ފޮރުވިގެން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އައު ސަރުކާރަށް ރާއްޖޭގެ މާލީ ހާލަތާއި ދަރަނިތަކުގެ ތަފްސީލް އަދިވެސް ނޭނގޭ ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު އަބަދު ވެސް ރައްޔިތުންނަށް ފެންނާނެ ހެން ފުރިހަމަ އަށް ބަޔާން ކުރަމުން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މާލީ ވަޒީރު ވެސް ވިދާޅުވެފައިވާ ކަން ފާހަގަކުރައްވަމުން އީވާ ވިދާޅުވީ، އޭނާގެ އުއްމީދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުން މާލީ ބަޔާން ޤަވާއިދުން ހުށައަޅުއްވާނެ ކަމަށެވެ. އަދި ދައުލަތުގެ މާލީ ހާލަތުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކުރާ އިރު އެކަން ރައްޔިތުންނަށް ސާފުކޮށް ފެންނާނެ ހެން އޮންނަން ޖެހޭނެ ކަމަށް އީވާ އިތުރަށް ވިދާޅުވިއެވެ.

ވަޒިރުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު އެ މެމްބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާން އޮޑިޓަރ ޖެނެރަލް އަށް ހުށައެޅުމަށް ޤާނޫނު އަސާސީގެ 138 ވަނަ މާއްދާ އިން ވަނީ ލާޒިމުކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ކޮންމެ އަހަރަކު މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުއަސަސީގެ 120 ވަނަ މާއްދާގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް