ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 09:45
ކުރީގެ ރައީސް ނަޝީދު އަދި ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ރައީސް ނަޝީދު އަދި ނައިބު ރައީސް ފައިސަލް ނަސީމް
ފާތިމަތު ޝަނާ މުހައްމަދު
ނައިބު ރައީސް ފައިސަލް
ސިޔާސީ ހުކުމް ތަކުން ރައީސް ނަޝީދު ސަލާމަތް ވުމަކީ އެންމެން އުފާކުރާ ކަމެއް: ނައިބު ރައީސް
ރައީސް ނަޝީދަށް ފައިސަލް ވަނީ މަރުޙަބާ ދަންނަވާފައި
ރައީސް ނަޝީދު މިނިވަންވީ ހޯމަ ދުވަހު ސުޕްރީމް ކޯޓުން

ސިޔާސީ ހުކުމް ތަކަކުން ރައީސް ނަޝީދު ސަލާމަތް ވުމަކީ އެންމެން އުފާ ކުރާ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ނައިބު ރައީސް ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަކުން ސަލާމަތްވިކަމީ އަޅުގަނޑުމެން އެންމެން ވަރަށް އުފާ ކުރާ ކަމެއް ކަމަށެވެ. އަދި ނައިބު ރައީސް ފައިސަލް ވަނީ ރައީސް ނަޝީދަށް މަރުޙަބާ ދަންނަވާފައިވާ ކަމަށެވެ.

ނަޝީދު ޖަލު ހުކުމުން މިނިވަންވެ ވަޑައިގަތީ ސުޕްރީމް ކޯޓުގައި އޮތް, އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް އެދި، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުމުގެ މަޖްލީހުގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރެއްވުމުންނެވެ.

ނަޝީދުގެ މައްޗަށް އިއްވި ހުކުމް މުރާޖައާކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލަ އެ ކޯޓުގައި ބައްލަވާފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ޚިލާފަށް ހައްޔަރުކޮށްގެން، ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި ބަހައްޓާފައި ހުރި ކަމަށްބުނާ  މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލު ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށްގެންނެވެ.

ސްޕްރީމް ކޯޓުން ހޯމަ ދުވަހު އިއްވި ހުކުމުގައި ބުނެފައިވަނީ، ރައީސް ނަޝީދުގެ މައްޗަށް އިއްވި ދައުވާ އަކީ ބާތިލް ދައުވާއެއް ކަމަށެވެ. އަދި އެމްއެންޑީއެފުން އަބްދުﷲ ގާޒީ ހައްޔަރު ކުރި ކުރިން، ޓެރަރިޒަމްގެ ގާނޫނުގައި ބުނެފައިވާ ރަހީނު ކުރުމުގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވެސް ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމްގައި ފާހަގަކޮށްފައިވާ ކަންކަމަށްބަލާއިރު، ފުލުހުންގެ ޒިންމާތަކާއި މަސައްކަތަށް މަގާމުގެ ބޭނުންކޮށްގެން ހުރަސް އަޅަމުން އަބްދުﷲ ގާޒީ ގެންދެވި ކަމަށް އޭރު ފުލުހުން ބުނެފައިވާކަން ފާހަގަކޮށްފައިވެއެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ސިފައިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިނުވާ ކަމަށް ހުކުމުގައިވެއެވެ. އެގޮތުން ގާޒީއަކު ހައްޔަރުކުރާނަމަ އެ ކޯޓަށްވުރެ މަތީ ކޯޓެއްގެ އަމުރެއް ބޭނުންވާނެ ކަމަށާއި އެ އިޖުރާއަތު އެ މައްސަލާގައި ފުރިހަމަކޮށްފައިނުވާ ކަމަށް ހުކުމުގައިވެއެވެ. އެހެންވެ އެ އަމަލަކީ ސިފައިން ހިންގާފައިވާ ބާތިލް އަމަލެއް ކަމަށް ހުކުމްގައި ކަނޑައެޅި އެވެ. ނަމަވެސް އެއީ ޓެރަރިޒަމްގެ ކުށަކަށް ވާނެ ހަމައެއް ނެތް ކަމަށް ވެސް ހުކުމްގައި ބަޔާންކުރި އެވެ.

ހުކުމްގައި ބުނެފައި ވަނީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވީ ސައްހަ އަސާސެއްގެ މައްޗަށް ނޫން ކަމަށާއި މައްސަލަ ސާބިތު ކުރަން ގާނޫނީ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.

ނަޝީދުގެ މައްޗަށް ދައުވާ އުފުލީ ވެސް ބާތިލު އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެންވެ، އޭގެ ދަށުން ހިނގާފައިވާ ކޮންމެ ކަމަކީ ވެސް ބާތިލު ކަމެއް ކަމަށް ހުކުމްގައިވެއެވެ.

ހުކުމްގައި ބުނި ގޮތުގައި، ނަޝީދުގެ މައްޗަށް ޕީޖީން ދައުވާ ކުރި އިރު، ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ކަންކަން ފުރިހަމައެއް ނޫނެވެ. އަބްދުﷲ ގާޒީ ގިރިފުށީގައި ބަހައްޓާފައި ހުރި ކަން އެނގެން އޮތަސް، އެއީ ކިޑްނެޕް ކުރުމުގެ ނުވަތަ ރަހީނު ކުރުމުގެ އަމަލެއް ނޫން ކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމްގައިވެއެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ޓެރަރިޒަމްގެ ދައުުވާއެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމަކީ ގާނޫނީ އިޖުރާއާތުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ހުކުމްގައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް