ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 19:19
ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
މުހައްމަދު ޝަރުހާން
އިންޑީއާ - ޗައިނާ - ރާއްޖެ
ޔާމީން ބޭނުންވީ އިންޑިއާ – ޗައިނާ މައްސަލައިގެ ޕަޕެޓް މާސްޓަރއަށް ވާން، މި ސަރުކާރުގެ އެ ވިސްނުމެއް ނެތް: މިނިސްޓަރ ޝާހިދު
އިންޑިއާ އާއި ޗައިނާ އާއި ދެމެދުގައިވާ ނުތަނަވަސްކަން އިތުރަށް ގޯސްކޮށްގެން އެ މައްސަލަ ކޮންޓްރޯލް ކުރާ ފަރާތަށްވުމަށް ރައީސް ޔާމީން މަސައްކަތް ކުރެއްވި
ރާއްޖެ އާއި އެންމެ ގާތް ގައުމަކީ އިންޑިއާ
ރާއްޖެއައި ޗައިނާ އާއި ދެމެދު ޤާއިމް ކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓަކީ އަވަސްއަރުވާލައިގެން ވެފައިވާ އެއްބަސްވުމެއް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މަސައްކަތް ކުރެއްވީ އިންޑިއާ އާއި ޗައިނާ އާއި ދެމެދުގައި އިތުރަށް ނުތަނަވަސްކަން އުފައްދަވައި، އެ މައްސަލައިގެ 'ޕަޕެޓްމާސްޓަރ' އަށް ވުމަށް ކަމަށް ދެކިލައްވާ ކަމަށާއި، އެފަދައިން އަމަލުކުރުމުގެ ވިސްނުން މިހާރުގެ ސަރުކާރުގައި ނެތް ކަމަށް ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިހާރު އަވަށްޓެރި އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިއޯން ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޝާހިދު ވިދާޅުވީ، އިންޑިއާ އާއި ޗައިނާ އާއި ދެމެދުގައިވާ ނުތަނަވަސްކަން އިތުރަށް ގޯސްކޮށްގެން އެ މައްސަލަ ކޮންޓްރޯލް ކުރާ ފަރާތަށްވުމަށް ރައީސް ޔާމީން މަސައްކަތް ކުރެއްވި ނަމަވެސް، އިންޑިއާ އާއި ޗައިނާއިން އެކަން ދެނެގަނެ، އެ ފުރުސަތު ރައީސް ޔާމީނަށް ދީފައި ނުވާކަމަށެވެ.

ރައީސް ޔާމީނަށް ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގަތް އެއް ސަބަބަކީ އެމަނިކުފާނު ޗައިނާ އާއި ބޭއްވެވި ގުޅުން ބައްޓަން ކުރައްވަން މަސައްކަތް ކުރެއްވި ގޮތް ކަމަށާއި، މިހާރުގެ ސަރުކާރުން އެފަދައިން އަމަލުކޮށް، 'ޕަޕެޓްމާސްޓަރ' އަކަށް ވުމަށް މަސައްކަތް ނުކުރާނެ ކަމަށް ޝާހިދު ވިދާޚުވިއެވެ.

"އަޅުގަނޑުމެންނަށް އެއަށްވުރެ ބޮޑަށް ވިސްނޭ. އެއް ޤައުމު އަނެއް ޤައުމާ ޖައްސައި، ނުތަނަވަސްކަން އުފައްދާ ބަޔަކަށް ވުމުގެ ބޭނުމެއް ނެތް. އަޅުގަނޑުމެންނަށް ޖެހޭ، ދެ ޤައުމާއިއެކުވެސް ރަނގަޅު ގުޅުމެއް ބާއްވަން. އަޅުގަނޑަށް ކަށަވަރު، އިންޑިއާއިންވެސް، އަދި ޗައިނާއިންވެސް ރާއްޖޭގެ ސިޔާދަތާ، ސަރަޙައްދީ އަމިއްލަވަންތަކަމާ، މިނިވަންކަމަށް އިޚުތިރާމް ކުރާނެ. މި ދެޤައުމުން ކުރެ އެއްވެސް ޤައުމަކުން ރާއްޖެ އަޅުވެތިކޮށް، އެބައެއްގެ ތަނަކަށް ހެދުމުގެ ޝައުގެއް ނުހުންނާނެ"، ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އިންޑިއާ އާއި ޗައިނާގެ ޝައުގުވެރިކަންވެސް ހުރީ ހަމަ ހަމަ ޤައުމުތަކެއްގެ ގޮތުގައި މަޝްވަރާގެ މޭޒުގައި އިށީންދެ ކަންކަމާއި މަޝްވަރާ ކުރުމަށް ކަމަށާއި، ރާއްޖޭގެ މިސްރާބުވެސް ހުރީ އެދިމާލަށް ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މި ކަންކަން މިހެން އޮތް ނަމަވެސް، ރާއްޖެ އާއި އެންމެ ގާތް ގައުމަކީ އިންޑިއާ ކަމާއި، ބޭނުންވި ކޮންމެ ވަގުތެއްގައި އެހީވި ޤައުމަކީވެސް، އަދި ކުރިއަށް އޮތް ތާންގާއި އެފަދަ އެހީއެއް ވާނެ ޤައުމަކީވެސް އިންޑިއާކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ. މިކަން މިހެން ވަނީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ސަބަބުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއައި ޗައިނާ އާއި ދެމެދު ޤާއިމް ކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ އެއްބަސްވުމަކީ އަވަސް އަރުވާލައިގެން ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން އޭގައި އޮތް އެއްޗެއް ރަނގަޅަށް ބަލައި، ދިރާސާ ކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުކަމާއި ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޝާހިދު އިންޑިއާއަށް ވަޑައިގެންނެވިއިރު، މި ފެށިގެން ދިޔައީ އިންޑިއާ އާއި ރާއްޖޭގެ ބަދަހި ގުޅުމުގެ އައު ޒަމާނެއް ކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް