ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 22:19
ޔުނިވާސަލް އެންޓަރޕްރައިޒަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު
ޔުނިވާސަލް އެންޓަރޕްރައިޒަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު
ސަން އޮންލައިން
އިންކަމް ޓެކްސް
އިންކަމް ޓެކްސް ނެގުމަށް ތާއިދުކުރަން: އެމްޔޫ މަނިކު
އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް ރައީސް ސޯލިހް ވަނީ ވައުދުވެ ވަޑައިގެންފައި
ޓެކްސް ނިޒާމު ރާއްޖެއަށް ތައާރަފުކުރީ 2011 ގައި

އިންކަމް ޓެކްސް ނެގުމަށް ފުރިހަމަ އަށް ތާއިދު ކުރައްވާ ކަމަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގާ އެއް ކުންފުނި، ޔުނިވާސަލް އެންޓަރޕްރައިޒަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މަނިކު ވިދާޅުވީ އިންކަމް ޓެކްސް ނެގުމަށް ބޮޑެތި ވިޔަފާރިވެރިން ދެކޮޅު ކަމަށް ބައެއް މީހުން ވާހަކަ ދެއްކި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ޓޫރިޒަމް ދާއިރާ އިން އިންކަމް ޓެކްސް އަށް ވެސް ތާއިދުކުރާ ކަމަށެވެ.

"މީހުންނަށް ހީވެގެން އުޅެނީ އަޅުގަނޑުމެން އިންކަމް ޓެކްސް ނެގުމަށް އިދިކޮޅު ވާނެއޭ. އަޅުގަނޑު ގައިމު އިދިކޮޅެއް ނޫން. އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެއާ އިދިކޮޅު ހެނެއް،" މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަންގެ މަގާމުގައި ވެސް ހުންނަވާ މަނިކު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހަމަ އެކަކު ވެސް ހުންނާނެހެން ހިއެއް ނުވޭ މިއަށް (އިންކަމް ޓެކްސްއަށް) ނޫނެކޭ ބުނާނެ."

 

މަޓީގެ އިސް ބޭފުޅުން
 

ޓޫރިޒަމް ދާއިރާގެ ބާނީންނަށް އިޝާރަތް ކުރައްވައި މަނިކު ވިދާޅުވީ އެ ބޭފުޅުންނަކީ ޓެކްސް ނިޒާމަށް ތާއިދު ކުރައްވާ ބޭފުޅުން ކަމަށެވެ. ނަމަވެސް އަދި ސަރުކާރުން އިންކަމް ޓެކްސް ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްސް ނިޒާމު 2011 ވަނަ އަހަރު ތައާރަފުކުރި އިރު ވެސް އެ ނިޒާމަށް ތާއިދުކުރައްވައި އޭނާ އާއި ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ވާހަކަ ދެއްކެވި ކަމަށް މަނިކު ވިދާޅުވި އެވެ. އަދި މިހާރު ވެސް ނަގަމުންދާ ހުރިހާ ޓެކުހެއް ޓޫރިޒަމް ދާއިރާ އިން ދައްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންކަމް ޓެކްސް ނަގަން ޖެހޭނީ ވަކި ވަރެއްގެ ބައެއްގެ އަތުން ކަމަށާއި ޓެކްސްގެ ގޮތުގައި ކަނޑައަޅަން ވާނީ ބުރައަކަށް ނުވެ ދެއްކޭނެ ވަރެއް ކަމަށް މަނިކު ވިދާޅުވި އެވެ.

މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގުމަށް ގިނަ ބަޔަކު އެދެމުން ދާއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
26 ނޮވެންބަރ 2018 | ހޯމަ 18:52
އެދާނީކޮންތާކަށްބާ
ނަގާފަ ދެން އެދާނީކޮންތާކަށްބާ؟