ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 19:44
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
މެމްބަރުންގެ އަދަދު 85 ވުރެ އިތުރު ނުކުރެވޭ ގޮތަށް އިސްލާހު ހުށަހަޅައިފި
އެ އިސްލާހު ހުށަހެޅުއްވީ މެމްބަރު ހަލީލު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 85 ވުރެ އިތުރު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ޑރ. އަބްދުﷲ ހަލީލު އިސްލާހު ހުށަހަޅުއްވައިފިއެވެ.

ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހަލީލު ހުށަހެޅުއްވި އެ އިސްލާހުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 2014 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެކުލަވާލި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 85 މެމްބަރުން ކަމަށެވެ.

ހަލީލު އެ އިސްލާހު ހުށަހެޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް އިތުރު ދެ ދާއިރާ އެއް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައި، އިއުލާންކޮށްފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހަށް އިތުރު ކުރާ ދެ ދާއިރާއަކީ މައްޗަންގޮޅީ މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާއެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ހަލީލު ވިދާޅުވެފައި ވަނީ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އިތުރުވަމުން ދިއުމަކީ ގައުމުގެ އިގްތިސާދަށް ބުރަ ބޮޑުވެގެންދާ އަދި އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ ހިންގުމުގެ ނިޒާމަށާއި ރައްޔިތުންނަށް ފޯރުކޮށް ދޭންޖެހޭ ހިދުމަތްތަކާއި ތަރައްގީ އަށް އެދެވޭ ބަދަލުތަކެއް ނާންނާނެ ކަމަށް ހަލީލު ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވެގެން ދިއުމަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި އެންމެ އެކަށޭނަ ގޮތްކަމުގައި ނުދެކޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް