ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 12:18
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު. އެޗްޑީސީ އޮޑިޓް ކުރަން ވަނީ ފަށާފައި
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު. އެޗްޑީސީ އޮޑިޓް ކުރަން ވަނީ ފަށާފައި
ފޭސްބުކް
އެޗްޑީސީ
އެޗްޑީސީ އޮޑިޓް ކުރަން ފަށައިފި
އޮޑިޓް ކުރަން ފެށީ މިހަފްތާގައި
އެޗްޑީސީގެ މައްޗައް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރަމުން

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ކެންޕެއިނަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފައިސާއާއި ތަކެތި ބޭނުންކޮށްފައިވާކަމުގެ ތުހުމަތުތަކެއް ކުރެވެމުންދަނިކޮށް އެ ކުންފުނީގެ ޚާއްސަ އޮޑިޓެއް ކުރަން ފަށާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އޮޑިޓް އޮފީހުގެ އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް އިބްރާހިމް އައިމަން ރާއްޖެ އެމްވީއަށް ވިދާޅުވީ އޮޑިޓް ކުރަން ފެށުމުގެ ކުރިން ހަދަންޖެހޭ އެސެސްމެންޓް ހަދާ ނިމިފައިވާކަމަށާއި އޮޑިޓް ކުރަން ފަށާފައިވަނީ މިހަފްތާތެރޭގައި ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެން ހެދީ އެސެސްމެންޓެއް. އެސެސްސްމެންޓަށްފަހު މިހަފްތާ ތެރޭގައި އޮޑިޓް ކުރަން ފަށާފައިވަނީ." އައިމަން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެޗްޑީސީގެ "ފުލް އޮޑިޓެއް" އޮޑިޓްކުރާ ޓީމުން ކުރާނެއެވެ. އައިމަން ވިދާޅުވީ އޮޑިޓްކޮށް ނިމުމުން އެކަމާބެހޭ މައުލޫމާތު ދެއްވާނެކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރަން ފަށާފައިވާއިރު އެޗްޑީސީގެ ކޮރަޕްޝަނާއި ބެހޭ އެތަކެއް މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަނީ ހުށައަޅާފައެވެ.

އެ ކޮމިޝަނުން އެޗްޑީސީއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ދަނީ ބަލަމުންނެވެ. އޭގެތެރޭގައި ހުޅުމާލޭގައި ހުޅުވާފައިވާ ޕްރީ ސުކޫލެއްގެ މައްސަލައާއި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން ހިންގަވާ ޞަދަޤާތު ފައުންޑޭޝަނުން ހުޅުމާލޭގައި ބޭއްވި ޚިތާނީ ކޭމްޕުގެ މައްސަލަ ވެސް ހިމެނެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގ ހަރަކާތްތަކަށް އެކަނިވެސް އެޗްޑީސީގެ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެކުންފުނީގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
26 ނޮވެންބަރ 2018 | ހޯމަ 07:38
މުހައްމަދު
އޮޑިތްކޮށްނިމޭއިރު ސިޔާސީފަރާތްތަކުން ކޮރަޕްޝަން ފައިސާޔަށް ގަނެފައިގުރިބިންތަކުގެ އަދަދުވެސް އާޢްމުންށް ސާފުވާނެކަމަށް އުއްމީދުކުރަން.