ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 12:55
ޝަމީމާ އީސާ (ސަރަނގު ޝަމީމާ ކަނބުލޭގެފާނު)
ޝަމީމާ އީސާ (ސަރަނގު ޝަމީމާ ކަނބުލޭގެފާނު)
ރައީސް އޮފީސް
ޝަރަނގު ޝަމީމާ
ސަރަނގު ޝަމީމާ އަވަހާރަވެއްޖެ
ޝަމީމާއަކީ އެތައް ރޮނގަކުން ޚިދުމަތް ކުރެއްވި ކަނބަލެއް
އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި
އާންމުންގެ ތެރޭގައި މަޝްހޫރުވަނީ ފެހުމުގެ ރޮގުން

އިޖުތިމާޢީ ދާއިރާއިން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާ އެދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު މި އަހަރު ހާސިލްކުރެއްވި މަޝްހޫރު ފެހުންތެރިޔާ މއ. ފެހިއަލިއާގޭ ޝަމީމާ ކަނބުލޭގެފާނު (ސަރަނގު ޝަމީމާ) މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.

އިޖްތިމާޢީ މަސައްކަތްތަކުގެ އިތުރުން ޝަމީމާއަކީ މައްޗަންގޮޅީ އަވަށުގެ ކުރިއެރުމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ކަނބަލެކެވެ.

އާއިލާ މެމްބަރަކު މައުލޫމާތު ދެއްވި ގޮތުގައި ޝަމީމާ އަވަހާރަވިކަން އެނގުނީ ހޭފުޅުނުލައްވައިގެން ބެލުމުންނެވެ.

ޝަމީމާ އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކުރީގެ ގަވަނަރު އަޒީމާ އާދަމާއި ވީޓީވީގެ މެނޭޖިން އެޑިޓަރ އަދި ޓީވީއެމްގެ ކުރީގެ މަޝްހޫރު އެނައުންސަރު އާމިލާ އާދަމް އަދި ބައެއް ފިލްމުތައް އުފައްދާފައިވާ ޑިރެކްޓަރު އަޝްހަރު ވަހީދުގެ މަންމަ އެވެ.

އާންމުންގެ ތެރޭގައި ޝަމީމާ އެންމެ ބޮޑަށް މަޝްހޫރުވެފައި އޮތީ ފެހުމުގެ މަސައްކަތުންނެވެ. އެ މަސައްކަތް އޭނާ ދަސްކުރެއްވީ ރަދުން މުހައްމަދު ފަރީދުގެ ގަމީސްކޮޅު ވެސް ފެއްސެވި މަރްހޫމް ބޮޑުދާހިއްލާ ދޮންމަނިކުގެ އަރިހުންނެވެ.

ޝަމީމާ ވަނީ "ސަރަނގު ޖަރީ"ގެ ނަމުގައި ކްލާހެއް ފައްޓަވައި ގިނަ ބަޔަކަށް މާ ޖަހަން ދަސްކޮށްދެއްވައިފަ އެވެ. އޭގެ ފަހުން ހެދުން ޖަރީކުރުމުގެ ކޯސްތައް ވެސް ހިންގެވި އެވެ.

ފެހުމާއި ޖަރީގެ މަސައްކަތުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު 1993 ގައި، އިޖްތިމާއީ ހިދުމަތްކުރުމުގެ ދާއިރާއިން އިން އާއްމު ހިދުމަތުގެ އިނާމް 2007 ގައި، އޭނާއަށް ލިބިވަޑައިގަތެވެ.

މި އަހަރު ޝަރަފްވެރިކަމުގެ އިނާމް ހާސިލްކުރެއްވީ އިޖުތިމާއީ ހިދުމަތުގެ ދާއިރާ އިން ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުންނެވެ.

ޝަމީމާ އަވަހާރަވި އިރު 6000 އެއްހާ މީހުންނަށް ފެހުމުގެ އެކި ދާއިރާތަކުގެ މަސައްކަތް ދަސްކޮށްދެއްވާފައިވެ އެވެ.

މީގެ އިތުރުން ޝަމީމާ އަކީ މާފަންނު އަދި ވަކިން ހާއްސަކޮށް މައްޗަންގޮޅީ އަވަށް ކުރިއެރުވުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި ކަނބަލެކެވެ.

އެގޮތުން އެގޮތުން 1979 ގައި މާލޭ ފަޅު ހިއްކުމާއި ހިލޭ ސާބަހަށް މާލޭ މަގުތައް ހެދުމުގެ މަސައްކަތް ރައްޔިތުން ކުރިއިރު އެންމެ ކުރީ ސަފުގައި އުޅުއްވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ކުރީކޮޅު ތައާރަފުކުރި "ކަނބުލޭގެފާނު"ގެ ލަގަބު 1980 ގައި ޝަމީމާއަށް ލިބިވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް