ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 10:41
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
މުހައްމަދު ޝަރުހާން
ފޮރިން މިނިސްޓްރީ
350 މިލިއަނެއްހާ ޑޮލަރުގެ އެހީއަކަށް ރާއްޖެއިން އިންޑިއާގައި އެދެފި
އިންވެސްޓްމެންޓްތައް އިތުރު ކުރުމާ ގުޅޭ ގޮތުން ރައީސް ސޯލިހާއި މޯދީ މަޝްވަރާކުރެއްވި
އާ ސަރުކާރަށް ކަންކަން ކުރުމުގައި ހަތަރެސްފައި ވަނީ ބަނދެވިފައި
ކުރީގެ ސަރުކާރުން ބޮޑެތި ލޯންތަކެއް ވަނީ ނަގާފައި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި 250 މިލިއން ޑޮލަރުގެ އެހީއަކަށް އިންޑިއާގައި އެދިފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އޭޝިއަންއޭޖުގައި ބުނެފައިވަނީ ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަތުމަށް 250 މިލިއަނާއި 350 މިލިއަން ޑޮލަރާއި ދެމެދުގެ އެހީ ބޭނުންވާކަމަށް ވިދާޅުވެފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖާއި އެކީ ހޯމަ ދުވަހު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެނޫހުގައިވަނީ ބުނެފައެވެ.

" އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަމަށް އަވަސް ހައްލެއް ބޭނުންވޭ. އެކަމުން އަރައިގަތުމަށް ގާތްގަނޑަކަށް 250 މިލއަނާއި 350 މިލިއަން ޑޮލަރާއި ދެމެގެ އަދަދަކަށް ބޭނުންވޭ. އަޅުގަނޑުމެން އެދެނީ އިންޑިއާ ސަރުކާރުން އެހީވާނެކަމަށް." ޝާހިދު ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވެއެވެ.

އިންޑިއާގެ އެހީއަކަށް މިނިސްޓަރ އެދިފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތަފްސީލީ މައުލޫމާތު ލިބިވަޑައިނުގަންނަވާކަމަށާއި އެކަމުގެ ފުރިހަމަ މައުލޫމާތު ފިނޭންސް މިނިސްޓްރީން ވަރަށް އަވަހަށް ދެއްވާނެ ކަމަށް އިންޑިއާއަށް ވަޑައިގެންނެވުމުގެ ކުރިން ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި ކުރީގެ ސަރުކާރުން ބޮޑެތި ލޯންތަކެއް ނަގާފައިވާތީ އާ ސަރުކާރަށް ކަންކަން ކުރުމުގައި ހަތަރެސްފައި ބަނދެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ބޭރުގެ ދަރަނިތައް ކުޑަކުރުމަށް ގައުމުތަކާއި އެކު މަޝްވަރާ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ރާއްޖެއާއި ގާތް ގުޅުމެއް ބާއްވާ ރާއްޖެއަށް އެހީތެރިވެދޭން ތައްޔާރަށް ތިބި ހުރިހާ ގައުމުތަކާއެކު ގުޅުން ބަދަހިކުރަމުން ގެންދިއުން.، ރާއްޖޭގެ ތަރައްގީއަށް ބޭނުންވެފައިވާ ބޮޑެތި އެހީތައް ހޯދުމަށް މަސައްކަތް ކުރަމުން ގެންދިއުން. ރާއްޖެ މިވަނީ އިންތިހާއަށް ބޭރުގެ ފަރާތްތަކަށް ދަރާފައި.އެހެންވީމާ އެދަރަނި އަދާކުރެވޭނެ ގޮތަކަށް އެދަރަނި އަދާ ކުރުމަށްޓަކައި ދަރާފައިވާ ގައުމުތަކާއިއެކު މަޝްވަރާކޮށް އެ ދަރަނިތައް ރީސްޓްރަކްޗަރ ހޯދޭނެ ގޮތްތަކެއް ހޯދުން. މިމަސައްކަތްތައް ފެށުމުގެ ގޮތުން އިންޑިއާއަށް ވަޒީރުންގެ ވަފުދެއް ވަޑައިގަންނަވާނެ." އިންޑިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ޝާހިދު ވިދާޅުވިއެވެ.

އިންޑިއާ ދަތުރުފުޅާއި ބެހޭގޮތުން ޝާހިދު ވިދާޅުވެފައިވަނީ އެދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ އިގްތިސާދީ ގޮތުން އިންޑިއާ އާއެކު އިތުރަށް ގުޅުން ބަދަހި ކުރުމާއި އެހެން ގައުމުތަކެކޭ އެއްގޮތަށް އިންޑިއާގެ އިންވެސްޓްމަންޓްތައް ވެސް ރާއްޖެއަށް އިތުރު ކުރުމަށް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވުމަށްފަހު ދެބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި  އިންޑިއާއިން ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީއާއި އިގްތިސާދީ ގޮތުންނާއި އިޖްތިމާއީން ގޮތުން އެއްބާރުލުން ދެއްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް އިންޑިއާ އޮތްކަމަށް  މޯދީ ވަނީ ވިދާޅުވެފައެވެ. 

ފޮރިން މިނިސްޓަރ ޝާހިދާއި އެކު އިންޑިއާއަށް ވަޑައިގަތް ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއީލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙުމަދު ޚަލީލާއި، ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދެވެ،  އަދި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް
26 ނޮވެންބަރ 2018 | ހޯމަ 07:25
ޔަސް
ސަޅާން ޖަހަން ފެށީ ރޭޕިސްތާނަށް