ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 19:25
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު
އަންޖު
އެމްޑީޕީ
މިދިޔަ 7 އަހަރު ފެން ހިފެހެއްޓުނު ހަމައެކަނި މުއައްސަސާއަކީ އެމްޑީޕީ: ރައީސް ނަޝީދު
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ލިބުނު ހަމަލާ އެހެން ހުރިހާ މުއައްސަސާއަކަށްވުރެ ގިނަ ކަމަށް ވިދާޅުވި

ވޭތުދިޔަ ހަތް އަހަރުގެ ތެރޭގައި ފެން ހިފެހެއްޓުނު ހަމައެކަނި މުއައްސަސާއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް އާދީއްތަ ދުވަހުގެރޭ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އެހެން މުއައްސަސާތަކަށް ކުރިމަތިވި ކަންކަމާއި، އޭގެ ސަބަބުން އެ މުއައްސަސާތަކަށް ވީގޮތް ފެންނަން އޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހަށް ވީގޮތް ފެނިދިޔަ. ސުޕްރީމް ކޯޓާއި ޝަރީއަތުގެ އެކިއެކި ކަންކަމަށް ވީގޮތް ފެނުނު. އަދި މުސްތަގިއްލު މުއައްސަސާތަކާ، އެހެންވެސް ތަންތަނަށް އައިހާ ހަމަލާޔާ އަދި އެ ހަމަލާތަކުގެ ސަބަބުން ކަން ބަދަލުވެގެން

ދިޔައީ އަޅުގަނޑުމެން އެންމެންގެ ކުރިމަތީގަ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ލިބުނު ހަމަލާ އެހެން ހުރިހާ މުއައްސަސާއަކަށްވުރެ ގިނަ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނާ، ޕާޓީގެ ހިންގުންތެރިންނާ، ޕާޓީގެ ވެރިންނާ، އަދި ރާއްޖޭގެ ރައްޔިތުން، ޕާޓީއަށް ތާއީދުކުރާ މެންބަރުންނާ، އެކުގާ އެމްޑީޕީއަށް މިވަނީ މި އުނދަގޫ ހަތް އަހަރު ތަހައްމަލު ކުރެވިފަ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ އާއި ގުޅިވަޑައިގަތުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ހުޅުވާލެވިފައިވާ ކަމަށާއި، ނަމަވެސް އެމްޑީޕީއިން ޕާޓީގެ ޓިކެޓު ދޭނީ ޕްރައިމަރީއަކުންކަން ކޮންމެ މެންބަރަކު ވެސް ދަންނަން ވާނެ ކަމަށެވެ.

އާދީއްތަ ދުވަހުގެރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ މެންބަރު މުސްތަފާ އެނބުރި އެމްޑީޕީއަށް ވަޑައިގަތުމުން މުސްތަފާއަށް މަރުހަބާ ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް