ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 04:45
ކުޑަކުދިންގެ ބަގީޗާ: ހުޅުވާ ގަޑި ވަނީ އިތުރު ކޮށްފައި
ކުޑަކުދިންގެ ބަގީޗާ: ހުޅުވާ ގަޑި ވަނީ އިތުރު ކޮށްފައި
އެމްއެންޑީއެފް
ކުޑަކުދިންގެ ބަގީޗާ
ކުޑަކުދިންގެ ބަގީޗާ ހުޅުވާ ގަޑިތައް އިތުރުކޮށްފި
ކުރިން ހުޅުވަނީ ހަވީރު 4ން އިރުއޮއްސި 6 އަށް
މިހާރު ހެނދުނު 7ން 10ށްވެސް ހުޅުވާފައި ހުންނާނެ

ކުޑަކުދިންގެ ބަގީޗާ ހުޅުވާފައި ހުންނަ ގަޑިތައް އިތުރު ކޮށްފިއެވެ.

އެމްއެންޑީއެފުން ބަލަހައްޓަމުން އަންނަ ކުޑަކުދިންގެ ބަގީޗާ ހުޅުވާފައި ހުންނަ ގަޑިތައް އިތުރު ކޮށްފައި މިވަނީ އެކަމަށް އެދި އާއްމު ރައްޔިތަކު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަށް ޓެގް ކުރައްވައި ޓްވީޓެއް ކޮށްފައި ވަނިކޮށެވެ.

މިނިސްޓަރު މާރިޔާ އަށް މީހަކު ކުރި ޓުވީޓެއްގައި ބުނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންގެ ބަގީޗާ ހުޅުވަނީ ހަމައެކަނި ހަވީރު، 4:00 ން އިރުއޮއްސި 6:30 އަށް ކަމަށެވެ. އެތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުޑަކުދިންނަށް ހިފޭނެ ގޮތެއް ހެދުމަށް، ހުޅުވާފައި ބަހައްޓާ ވަގުތު އިތުރު ކުރަން އޭނާ އެދުނެވެ.

އެ ޓުވީޓަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، އަމީނީމަގުން ކަލާފާނު ސްކޫލްގެ ކުރިމަތީގައި ހަދާފައިވާ ކުޑަކުދިންގެ ބަގީޗާ ހުޅުވާ ގަޑި އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލް ބަންދު ދުވަސްތަކުގައި ހެނދުނު 7:00 އިން ހެނދުނު 10:00 އަށް ކުދަކުދިންގެ ބަގީޗާ ހުޅުވާނެ އެވެ. އަދި އަސުރު ނަމާދަށް ފަހު ހުޅުވާ ގޮތަށް، މަޣުރިބު ނަމާދުގެ ބަންގިއާ ހަމައަށް އެ ތަން ހުޅުވާފައި ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި އޭގެފަހުން އެމްއެންޑީއެފްއިން ވަނީ އެކަން އެގޮތަށް ނިންމިކަންވެސް ރަސްމީކޮށް އިއުލާން ކޮށްފައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ސްކޫލް ބަންދު ދުވަސްތަކުގައި ކުޑަކުދިންގެ ބަގީޗާ ހެނދުނު 7:00 ން 10:00 އަށް ހުޅުވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަސުރު ނަމާދަށްފަހު މަޣްރިބް ނަމާދާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށާއި ބަގީޗާ ހުޅުވާފައި ހުންނަ ވަގުތުތަކުގައި ސިފްކޯގެ "ކާކީ" ފިހާރައިގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް