ކ. މާލެ
|
8 ފެބްރުއަރީ 2017 | ބުދަ 12:48
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
އެބިލަކީ ޖިނާއީ އަދުލްގެ ނިޒާމަށް ވަރަށް މުހިއްމު ބިލެއް
މިއަދުގެ ޖަލްސާގެ އެޖެންޑާގެ ދަށުން އެބިލްގެ ފުރަތަމަ ކިޔުން އިއްވާނެ
އިއްޔެ މަޖިލީހަށް ހުށަހެޅި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް ފާސްކުރުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުން އޮންނާނެ

ޖިނާއީ އަދުލްގެ ނިޒާމުގެ ވަރަށް މުހިއްމު ބިލެއް ކަމަށްވާ ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

 

އެބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އެވެ.

 

ބުދަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ތިން ވަނަ ޖަލްސާއަށް ހެއްކާބެހާ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް އެޖެންޑާކޮށްފައި ވެއެވެ.

 

އެބިލްގެ އިތުރުން މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅި އަދި އިބްތިދާއީ ބަހުސް ކުރުމަށް ފަހު މަޖިލީގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ސަރުކާރަށް ނިސްބަތްވާ ހޮޅިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލް، އެކޮމެޓީން ނިންމި ގޮތުގެ ރިޕޯޓެވެ.

 

ކައުންސިލްތަކުގެ އިންތިޚާބުތަކުގައި ވާދަކުރާ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ބަދަލުކުރުމަށް ލޯކަލް ކައުންސިލް އިންތިޚާބުތަކުގެ ގާނޫނަށް މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ އެ ބިލް އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި އެބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 41 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެބިލް ބަލައިގަތުމަށް ނުފެންނަ ކަމަށް 23 މެމްބަރަކު ވޯޓް ދެއްވާފައި ވެއެވެ.

 

އެބިލަށް ބަހުސްކުރެއްވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ އެއީ ސަރުކާރުން ހިންގާ ޖަރީމާތުގެ ތެރެއިން ހިންގަމުންދާ ކަމެއް ކަމަށެވެ. އެގޮތުން ބޮޑެތި ޖިނާއީ ކުށްތައް ކޮށްފައިވާ ފަރާތްތަކަށް ކައުންސިލް އިންތިހާބުތަކުގައި ބައިވެރިވެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅީ ޕީޕީއެމް ޓިކެޓްގައި ކައުންސިލް އިންތިހާބަށް ވާދަކުރަން ބޭނުންވާ އިހުލާސްތެރި މީހުން ނެތުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

 

އެބިލް މިހާރު އޮތްގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ވަނީ އެބިލަށް ބަހުސްކުރަމުން ވިދާޅުވެފަ އެވެ. އަދި އެބިލް ކޮމެޓީއަށް ފޮނުވައި ބައެއް އިސްލާހުތައް ގެންނަން ފެންނަ ކަމަށް ވެސް ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވެފައި ވެއެވެ.

 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ އެބިލް ބުދަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުން އޮންނާނެ އެވެ.

 

 

- ކޮމެންޓް