ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 18:29
އިމްރާން ފުލުހުންގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ
އިމްރާން ފުލުހުންގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ
ޕޮލިސް
ހޯމް މިނިސްޓަރު އިމްރާން
ޖަލުތަކުގެ ހާލަތު ވަރަށް ގޯސް، ހައްލު ކުރާނަން: ހޯމް މިނިސްޓަރު
އާދައިގެ މީހުން އެތަނުން ނުކުންނައިރު ޑްރަގް މީހުންގެ ގޮތުގައި ފެނިދާނެ

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، އެ ކަން ހައްލު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އިމްރާން ވިދާޅުވީ، ޖަލުތަކުގެ ހާލަތު މިހާރު ހުރީ ހުކުމް ތަންފީޒު ކުރުމަށް ފަހު މުޖުތަމައު އަށް ނިކުންނަ މީހުން އިތުރަށް ނުރަނގަޅު ބަޔަކަށް ވެގެންދާ ގޮތަށް ކަމަށާއި ޖަލުތަކަކީ މީހުން އަނބުރާ ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައު އަށް ނެރެވޭ ތަންތަނަށް ވާން ޖެހޭ ކަމަށެވެ.

އަމިއްލަ ތަޖްރިބާ ހިއްސާ ކުރައްވަމުން އިމްރާން ވިދާޅުވީ ޖަލަށް ވަން އާދައިގެ މީހެއްނަމަ ފަހަރެއްގައި ޖަލުން ނުކުމެވޭނީ ޑްރަގް ނަގާ މީހަކަށްވެގެން ކަމަށެވެ.

އިމްރާން ވިދާޅުވީ އެމަނިކުފާނުގެ ވަޒީރުކަމުގައި ޖަލުތަކުގެ ހިންގުމާއި، އިންތިޒާމްތައް ހަރުދަނާ ކުރައްވާނެ ކަމަށެވެ. އަދި އެ ކަންކަން ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ މަތިން ޖަލުތަކުން ނުކުންނަ މީހުންނަކީ ރަނގަޅު ހެޔޮލަފާ ބަޔަކަށް ހައްދަވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޖަލުތަކުގެ ކަންކަން ރަނގަޅުކޮށް، އެދެވޭ ނަތީޖާ އެއް ނެރެވޭނީ ބައެއް ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކަމަށެވެ. އަދި ގާނޫނުތަކުގެ އިތުރުން މުވައްޒަފުންނަށް ޓްރެއިނިން ދިނުން ފަދަ މަސައްކަތްތައް ވެސް ކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ބައިވަރު ސެކިއުރިޓީ މައްސަލަތަކާއި، މުވައްޒަފުންނަށް މުއާމަލާތު ކުރެވޭގޮތާއި، އެމީހުންގެ ޗުއްޓީއާ މިކަހަލަ ބައިވަރުކަންތައްތަކެއް މީގެ ވަށައިގެން އެބަހުރި ކަމަށާއި އެ ހުރިހާ ކަމެއް ގުޅި ލާމެހިގެން ގޮސް މުޅި އެތެރޭގެ ސިސްޓަމް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި އެތަނަށް ވަންނަ ވަރަށްވުރެ ރަނގަޅު މީހެއްގެ ގޮތުގައި އެތަނަށް ވައްދާ މީހުން ނެރެވޭނެ މެކޭނިޒަމެއް ގާއިމް ކުރަން ޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ނިމިދިޔަ ހަފްތާގައި ބައެއް ޖަލުތައް ބައްލަވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް