ކ. މާލެ
|
24 ނޮވެންބަރ 2018 | ހޮނިހިރު 18:51
ހަނާ ވަހީދު
ހަނާ ވަހީދު
މިހާރު
ކޮރަޕްޝަންގެ މައްސަލަތައް
ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން ހަނާ އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވީ މަސްލަހަތު ފުށުއަރާކަމަށް ބުނެ

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަންގެ މެމްބަރުކަމުން އާއިޝަތު ހަނާ ވަހީދު އިސްތިއުފާ ދެއްވައިފި އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި އެ ކޮމިޝަންގައި ހަނާގެ އިތުރުން 4 މެެމްބަރަކު ތިއްބަވަ އެވެ. އެ ކޮމިޝަނަކީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުގެ ދަށުން އުފެއްދި ކޮމިޝަނެކެވެ. 

ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދެއްވައި އޮންލައިން ނޫސް "މިހާރު" އަށް ހަނާ ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވީ އޭނާގެ މަސްލަހަތު ފުށު އަރާ ކަމަށް ބެލުމުގެ ފުރުސަތު ފަހަރެއްގައި އޮވެދާނެތީ ކަމަށެވެ. ނަމަވެސް މަސްލަހަތު ފުށުއަރަނީ ކޮންގޮތަކަށް ކަމެއް ހަނާ ހާމަކުރައްވާފަ އެއް ނުވެ އެވެ. 

މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެކުރިން ހަނާ ހައްޔަރުކޮށްފައިވާއިރު، އެ މައްސަލަ ވަނިކޮށް ހަނާ ކޮމިޝަނަށް އައްޔަނުކުރުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތަކެއް ހަނާއަށް އަމާޒުވެގެން ގޮސްފައިވެއެވެ. އަދި އެ ކޮމިޝަންގެ ނަޒާހަތްތެރިކަމާއި މެދު ވެސް ގިނަ ބަޔަކު ގެންދިޔައީ ސުވާލު އުފައްދަ މުންނެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ކުރީގެ ޕަބްލިކް ޕްރޮސިކިއުޓާގެ މަޤާމު އަދާކުރެއްވި ހަނާ ވަކި ކުރައްވާފައި ވަނީ ވެސް އެ މައްސަލަ އާއި ގުޅިގެންނެވެ. 

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައި ދިނުމުގެ މައްސަލަތައް ތަހުޤީޤްކުރުމެވެ. 

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނީ އަޙްމަދު އަސްޢަދެވެ. އެ ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާ އަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް