ކ. މާލެ
|
23 ނޮވެންބަރ 2018 | ހުކުރު 19:37
އެމްޑީއޭގެ ލީޑަރު އަޙުމަދު ސިޔާމާއި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައެއް މެންބަރުން އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމަކަށް ހާޒިރުވަނީ
އެމްޑީއޭގެ ލީޑަރު އަޙުމަދު ސިޔާމާއި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައެއް މެންބަރުން އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމަކަށް ހާޒިރުވަނީ
ރާއްޖެ އެމްވީ
މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ)
އެމްޑީއޭއިން މަޖިލިހުގެ 87 ދާއިރާއަށްވެސް ވާދަކުރާނެ
ނިންމުން ނިންމާފައިވަނީ ޤައުމީ މަޖިލީހުގެ ޖަލްސާގައި
ސިޔާމްއަށް ޕާޓީގެ ލީޑަރުކަން އަލުން ދިނުމަށްވެސް ވަނީ ނިންމާފަ
މި އަހަރުގެ ޖުލައިގެ ނިޔަލަށް އެމްޑީއޭއަކީ 3 ވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ

އަންނަ އަހަރު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިމިދިޔަ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއިން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި އެމްޑީއޭގެ ޤައުމީ މަޖިލީހުގެ ޖަލްސާއިން ނިންމާފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މަޖިލީހުގެ 87 ދާއިރާއަށްވެސް އެ ޕާޓީގެ ކެނޑިޑޭޓުން ނެރެން ފެންނަ ކަމަށެވެ. ޤައުމީ މަޖިލީހުގެ މި ޖަލްސާގައި އެމްޑީއޭއިން ވަނީ ސިޔާސީ ކަންކަމާއި ދުރަށް ޖެހިވަޑައިގެން ހުންނެވި އެމްޑީއޭގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދާއި އެ ޕާޓީގެ ލީޑަރުކަން އަލުން ހަވާލުކުރުމަށްވެސް ނިންމާފައެވެ.

 

އެމްޑީއޭގެ ޤައުމީ މަޖިލިސް

އެމްޑީއޭއިން މިގޮތަށް ނިންމާފައިވާއިރު، އެ ޕާޓީން ކުރިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އާއި އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމުގެ މުއްދަތު ވަނީ ނިމިގެން ދިޔަ ރިޔާސީ ދައުރުގެ ނިޔަލަށް ހަމަވެފައެވެ.

ރިޔާސީ އިންތިޚާބާއި ގާތްވެގެން ދިޔައިރު، އެމްޑީއޭ އާއި ޕީޕީއެމް އާއި ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ވާހަކަތައް ދެކެވެމުން ދަނިކޮށް، އެ ޕާޓީގެ އޭރުގެ ލީޑަރު، ސިޔާމް ވަނީ ޕާޓީގެ ލީޑަރޝިޕާއި ދުރަށް ޖެހިވަޑައިގެން، ޕާޓީ ހިންގުން ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފާއި ހަވާލުކުރައްވާފައެވެ. ނިމިދިޔަ ރިޔާސީ ދައުރުގެ ނިޔަލަށް ޕީޕިއެމް އާއި އެމްޑީއޭގެ ކޯލިޝަން އެއްބަސްވުން ނިމުމަކަށް އައި ނަމަވެސް، ސިޔާސީ ދާއިރާއިން ސިޔާމް ދުރަށް ޖެހިވަޑައިގެންނެވި ހިސާބުން، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އެއްވެސް ފަރާތަކާއި އެކު ކޯލިޝަން ނުހެދުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

މި ނިންމުމާއި ގުޅިގެން އޭރުގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް ވަފާތެރި، އެމްޑީއޭގެ ދެ ނައިބު ލީޑަރުން ކަމުގައިވާ އޭރުގެ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ އާއި އޭރުގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވަނީ އެމްޑީއޭއިން ވަކިވެވަޑައިގެން، ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.

ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އެމްޑީއޭއަށް ބޮޑު ތަރުހީބެއް އޮތް އިރު، އިލެކްޝަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، އެމްޑީއޭގެ ދަފްތަރުގައި ތިބީ 10648 މެންބަރުންނެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު އެ ތާރީޚުގެ ނިޔަލަށް އެމްޑީއޭއަކީ ރާއްޖޭގެ ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް