ކ. މާލެ
|
23 ނޮވެންބަރ 2018 | ހުކުރު 13:34
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ރާއްޖެ އެމްވީ
ހުކުރު ހުތުބާ
އެއްބައިވަންތަ ކަމަކީ އެއް ގަލާއި އަނެއް ގާ ގުޅިލާމެހިގެން ބިނާކުރެވޭ އިމާރާތެއްފަދަ އެއްޗެއް: ޚުތުބާ
މިއަދުގެ ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އެއްބައިވަންތަ ކަމުގެ މުހިއްމު ކަމުގެ މައްޗަށް
މަލާމާތާއި ފުރައްސާރަކޮށް، ހުތުރު ނަންނަމުން މުހާތަބު ކުރުމަކީ ދީނުގައި މަނާކުރައްވާފައިވާ ކަމެއް
އިންސާނުންގެ ނަފްސުގެ ޙުރުމަތް ކެނޑޭނެފަދަ ކަމެއް ކުރުން ދީނުގައި ހުއްދައެއް ނުވާނެ

އިސްލާމީ މުޖުތަމައެއްގައި ދިރިއުޅޭ ފަރުދުންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަމުގެ މިސާލަކީ އެއް ގަލާއި އަނެއް ގާ ގުޅިލާމެހިގެން ބިނާކުރެވޭ އިމާރާތެއްފަދަ އެއްޗެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އެކުވެރިކަމަކީ ނިއުމަތެއް" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ މިއަދުގެ ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އެއްބައިވަންތަ ކަމުގެ މުހިއްމު ކަމުގެ މައްޗަށެވެ.

މުޖުތަމައުގައި އޮންނަ އަމަން އަމާންކަމުގެ އަސާސަކީ އެބައެއްގެ މެދުގައި އޮންނަ އެކުވެރި ކަމާއި އެއްބައިވަންތަކަން ކަމަށާއި، މި އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރާ މީހުން އެބައެއްގެ އަޚުންނާއި އުޚުތުންގެ އަބުރާއި އިއްޒަތަށް ނުބަލާ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

ޙައްޖަތުލްވަދާޢުގެ ޚުތުބާގައި މި އުއްމަތުގެ ނަބިއްޔާ ވަނީ މުސްލިމުންގެ އަބުރާއި އިއްޒަތް ޙުރުމަތްތެރި ކުރެވިގެންވާ ކަމަށް ޙަދީޘް ކުރައްވާފައި ކަމަށްވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

މުސްލިމް މުޖުތަމައެއްގައި އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތާއި ފުރައްސާރަކޮށް، ހުތުރު ނަންނަމުން މުހާތަބު ކުރުމަކީ ދީނުގައި މަނާކުރައްވާފައިވާ ކަމެއް ކަމަށް ބަޔާންކުރަމުން ޙުތުބާގައި އިތުރަށް ބުނެފައިވަނީ، އިންސާނުންގެ ނަފްސުގެ ޙުރުމަތް ކެނޑޭނެފަދަ ކަމެއް ކުރުން ދީނުގައި ހުއްދައެއް ނުވާނެ ކަމުގައެވެ. އަދި ދިވެހި މުޖުތަމައުވެސް މިފަދަ ކަންކަމުން ދުރުހެލިވެ އެއްބައިވަންތަ ވުމަށް ޚުތުބާގައި ހަނދާންކޮށްދެއްވާފައި ވެއެވެ.

މިއަދުގެ ހުތުބާގައި ދިވެހިންނަށް ލިބިފައިވާ މަތިވެރި ނިޢުމަތް ކަމުގައިވާ އިސްލާމް ދީނުގެ ހިދާޔަތުގެ ވާހަކަ ބަޔާންކޮށް ބުނެފައިވަނީ، ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށާއި، މިހާތަނަށްވެސް މި ޤައުމުގައި ދެމި އޮތް ސުލްހަ މަސަލަސް ކަމުގެ ސިއްރަކީ ދީނީ އެއްބައިވަންތަކަން ކަމަށެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގަމުންދާ ލޭއޮހޮރުވުމާއި ހަމަނުޖެހުން ތަކަކީ ދީނީ ގޮތުންނާއި ނަސްލީ ގޮތުން ބައިބައި ވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށާއި ދިވެހިން މި ކަންކަމާއިމެދު ވިސްނުމަށް ޙުތުބާގައި އިތުރަށް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް