ކ. މާލެ
|
23 ނޮވެންބަރ 2018 | ހުކުރު 10:18
ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަޙްމަދު އަސްލަމް، އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު
ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަޙްމަދު އަސްލަމް، އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕީޖީ
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އަސްލަމް، ޗީފް ވިޕަކަށް ނިޒާރު
މި ދެ މަޤާމަށް އެހެން ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވޭ

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިޚާބު ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިޚާބުވެ ވަޑައިގެންފައިވާއިރު ޗީފް ވިޕްގެ މަޤާމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު އިންތިޚާބު ވެވަޑައިގެންފައިވާ ކަމަށެވެ.

މި ދެބޭފުޅުންނަށް މަޤާމު ލިބިވަޑައިގަތީ އެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި އިތުރު ބޭފުޅަކު އެ މަޤާމުތަކަށް ކުރިމަތިލާފައި ނުވުމުން، އިތުރު އިންތިޚާބަކަށް ދިއުމަކާއި ނުލައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް އައު ބޭފުޅަކު އިންތިޚާބު ކޮށްފައިމިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުޙައްމަދު ސޯލިހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބްވެވަޑައިގެން، މަޤާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެންނެވެ. އަދި އެމްޑީޕީގެ ޗީފް ވިޕްގެ މަޤާމު ހުސްވީ އެ މަޤާމުގައި އޭރު ހުންނެވި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، ޑިފެންސް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުން އިސްތިއުފާ ދެއްވުމުންނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ތިއްބެވި ބައެއް ބޭފުޅުން ސަރުކާރުގެ މަޤާމުތަކަށް ވަޑައިގަތުމަށް މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމުން، މިހާރު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގައި ތިއްބަވަނީ 18 މެންބަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް