މޫނުބުރުގާ އަޅާތީ ނ ކުޑަފަރީ ޤުރުއާން ޓީޗަރ ފާތިމަތު ނަފްހާވެސް ކުޑަފަރީ މަދަރުސާގެ ވަޒީފާއިން ވަކިކޮށްފިއެވެ.
އެކަން ވަނީ އެރަށު ކައުންސިލް މެންބަރަކުވެސް ރާއްޖެ އެމްވީއަށް ކަށަވަރުކޮށް ދެއްވާފައެވެ.
ރިލީފް ޓީޗަރެއްގެ ގޮތުން ކޮންޓްރެކްޓް ވަޒީފާއެއް އަދާ ކުރަމުން އަންނަ ނަފްހާއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރީ އަންގާރަ ދުވަހު (މިއަދު) އެވެ. އޭނާގެ އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން ވަނީ މޫނު ބުރުގާއަޅައިގެން ކިޔަވައިދޭން ނުނިކުމެވޭނެ ކަމަށް އަންގާ މިމަހުގެ 5 ވަނަ ދުވަހު ނަފްހާއަށް ސިޓީއެއް ފޮނުވާފައެވެ.
އެސިޓީގައި ބުނެފައިވަނީ ރިލީފް ޓީޗަރުންގެ ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން ސިވިލް ސަރވިސް ޤާނޫނާ ޤަވާއިދުތަކާ އެއްގޮތްވާގޮތަށް ވަޒީފާއަށް ނުނިކުތުމަށް އަންގާ ކަމަށެވެ. އަދި އެސިޓީއާއެކު ރިލީފް ޓީޗަރުންގެ ކޮންޓްރެކްޓުގެ ކޮޕީއެއްވެސް ނަފްހާއަށް ފޮނުވާފައިވެއެވެ.
ނަމަވެސް އޭގެ ދެދުވަސްފަހުން ނަފްހާ އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރިކަން އަންގާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ 2017 ފެބްރުއަރީގައި ސްކޫލް ރިކުއަރމެންޓް ރިވިއުކޮށް ޓީޗަރުން ހަމަޖެއްސިއިރު އެމަދްރަސާއަށް ލިބިފައިވަނީ ޤުރުއާން އެންމެ ޕޯސްޓެއްކަމަށެވެ. އެހެންކަމުން މިހާރުވެސް ސްކޫލްގައި ތަމްރީން ލިބިފައިވާ ޤުރުއާން ޓީޗަރުން މަސައްކަތް ކުރައްވަމުން ގެންދަވާތީއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިތުރު ޤުރުއާން ޓީޗަރެއް ނެގުމުގެ ހުއްދަ ދެއްވާފައި ނުވާތީ އެމަދްރަސާއާ ފާތިމަތު ނަފްހާއާ ދެމެދު ވެވިފައިވާ ރިލީފް ޓީޗަރެއްގެ ކޮންޓްރެކްޓް ބާތިލްކޮށްފައިވާ ކަމަށެވެ.
އއ. ރަސްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ވަގުތީ ޓީޗަރަކު މޫނު ބުރުގާ އަޅާތީ އެ ސްކޫލުގެ ވަޒީފާއިން ވަކިކޮށްފިއެވެ.
މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރު ނުވެވޭނެ ކަމަށް އެންގުމުންވެސް އެކަން ޤަބޫލްކޮށްފައި ނުވާތީ ރަސްދޫ ޓީޗަރަކާއި އއ. މަތިވެރި ސްކޫލްގެ ޕްރައިމަރީ ޓީޗަރެއްވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ އެއްވެސް ސްކޫލެއްގެ ވަޒީފާ އަދާކުރާ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެ ކަމަށާއި އެއީ ސިވިލް ސާރވިސްގެ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.
"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ސަރުކާރު ސްކޫލްތަކުގެ ޓީޗަރުން ހެދުން އެޅުމުގައި އަމަލު ކުރަމުން ދަނީ ދިވެހި ސިވިލް ސާރވިސް ގަވާއިދުގެ ދަށުން ކަމަށެވެ.
ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 ގައި "ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް” ބަޔާންކުރާ ޗެޕްޓަރ 14 ގެ 145 ވަނަ މާއްދާގެ (ހ)ގައި ބުނަނީ “ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރާ ފަރާތަކަށް އެމީހަކު ފާހަގަކޮށް އެނގެންޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭފަދަ ގޮތެއްގައި" ކަމަށެވެ.
ދީނީ އިލްމުވެރިންގެ ބަޔަކާއި ޤާނޫނީ ވަކީލުންގެ ޓީމަކުން ވަނީ އެމާއްދާ ބާތިލް ކުރުމަށް ހައިކޯޓަށް މިހާރު މައްސަލަ ހުށަހަޅާފައެވެ.