ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 15:35
ކޮމިޝަނުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޮމިޝަނުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
މަރުތައް ތަހުގީގު ކުރާ ކޮމިޝަން
މަރުތައް ތަހުގީގު ކުރާ ކޮމިޝަންގެ މަސައްކަތް ފަށައިފި
ވަކި މީހަކަށް ވަކި އިޖުރާއަތެއް ނުގެންގުޅޭނަން
ކޮމިޝަނަށް ބާރު ލިބިދޭ ޤާނޫނެއް ހެދުމަށް ބިލެއް ހުށަހަޅާނަން
ދެއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލާނަން

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޮމިޝަންގެ ޗެއާމަން ހުސްނުއްސުއޫދު ވިދާޅުވީ ކޮމިޝަނުން ކުރަންހުރި މަސައްކަތްތަކަކީ ޢާއްމުންނާ ވަރަށް ގުޅުންހުރި އާއްމުންގެ ޝައުގު ހުރި މައްސަލަތަކެއް ކަމަށާއި އާއްމުންގެ އުއްމީދުތައް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް މަސައްކަތް ނިންމާލެވޭތޯ ބައްލަވާނެ ކަމަށާއި ލަފާކުރެވޭ ގޮތުން ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދަވާނީ ވަރަށް ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަކަށް ކަމަށާއި ނޫސްވެރިންނަށް ކަންކަން ހާމަކުރައްވަމުން ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އެއަށްވުރެވެސް ކުރިން ނިންމާލުން. ރައްޔިތުންގެ އުއްމީދުތައް ވަރަށް ބޮޑު. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ ވީހާވެސް އަވަހަކަށް މިމައްސަލަތައް ބެލިގެން ނޫނީ އާއިލާތަކަށް ތަސައްލީއެއް ނުލިބޭނެތީ. މިމަސައްކަތް ކުރުމުގައި ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ދެފުށް ފެންނަ ގޮތަކަށް ކުރެވޭތޯ ބަލާނީ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ނޫސްވެރިންގެ އިތުރުން ޚާއްސަ ގޮތެއްގައި އެފަދަ މަރުތަކާ ގުޅޭގޮތުން ލިބޭ މައުލޫމާތުތައް އެކަމާ ގުޅުންހުރި ޢާއިލާތަކަށް ހިއްސާ ކުރައްވާނެ ކަމަށާއި މަސައްކަތް ކުރުމުގައި ރާއްޖެއިން ބޭރުގެ އެހީ ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނީ އެހީ ބޭނުން ކުރައްވާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ، އެ ކޮމިޝަނުން ބަލަން މިހާތަނަށް ނިންމާފައިވަނީ 29 މަރެއްގެ މައްސަލައެއް ކަމަށެވެ. ނަމަވެސް އެހެން މައްސަލަތައް އަންނަ ނަމަ އެ މައްސަލަތައް ވެސް ބަލާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކޮމިޝަނަށް ބާރުދީ، މިނިވަން މުވައްސަސާއެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލެއް ޑްރާފްޓް ކުރަމުން އަންނަ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެގޮތުން މިހާރު ވެސް އެ ކޮމިޝަނަށް މީހުން ހާޒިރުކޮށް ބަޔާން ނެގުމާއި، ތަހުގީގު ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބޭ ކަމަށާއި ނަމަވެސް، އެ ބިލް ގާނޫނަކަށް ވުމުން އިތުރު ބާރުތައް އެ ކޮމިޝަނަށް ލިބޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ޢާއްމުން އެކޮމިޝަނަށް މައްސަލަތައް ހުށަހެޅުމަށްޓަކައި 30 ދުވަހުގެ މުއްދަތެއް ދެއްވާނެ ކަމަށާއި އެމުއްދަތުގައި އެފަދަ މައްސަލަތައް ޢާއްމުންނަށް އެކޮމިޝަނަށް ހުށަހެޅޭނެ ކަމަށެވެ.

ބައެއް މަރުގެ މައްސަލަތައް ހުށަހެޅުމުން ބައެއް މުއައްސަސާތަކުން ނުބަލާ ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެފަދަ ކަމެއް އުޅޭނަމަ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

"ބައެއް މައްސަލަތައް ނުބައްލަވާ ވަންހަނާ ކޮށްފައި ހުރި ކަމުގެ ޝަކުވާ ލިބިފައި އެބަހުރި. އެފދަ ކަންކަން ވަރަށް ސީރިއަސްކޮށް ބަލާނަން" ސުއޫދު ވިދާޅުވިއެވެ

ސުއޫދު ވިދާޅުވީ ކޮމިޝަނުން ކުރާނެ އިތުރު ކަމަކީ ސަރުކާރުން ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ސަރުކާރުން ކަންކުރަން ޖެހޭ ރިކޮމަންޑޭޝަންތަކެއް ހުށަހެޅުން ކަމަށެވެ.

އެ ކޮމިޝަނަކީ ވަރަށް ހަރަދު ކުޑަކޮށް ކުރިއަށް ގެންދެވޭނެ މުވައްސަސާއެއް ކަމަށާއި ކޮމިޝަނުން ތަފާތު ދައްކަވާނެ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އަދި ކޮމިޝަނަކުން ވަކި މީހަކަށް ވަކި އިޖުރާއަތްތަކެއް ނުގެންގުޅުއްވާނެ ކަމަށާއި އެންމެންނަށްވެސް ކަންކުރައްވާނީ އެއްގޮތަކަށް ސުއޫދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތަފާތު ދައްކާނަން. އަޅުގަނޑުމެން ބޭނުމެއް ނުވޭ މި ކޮމިޝަނަކީ ރައްޔިތުން ކުރިމަތީގައި ފެއިލްވާ ކޮމިޝަނަކަށް ވާކަށް. އަޅުގަނޑުމެންގެ މައްސަލަތައް ބަލަން ގެންގުޅޭ އެޕްރޯޗް ވެސް ތަފާތުވާނެ،" ސުއޫދު ވިދާޅުވިއެވެ.

ކޮމިޝަނުގެ މަސައްކަތްތަކަށް ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަން ޔަގީން ކަމަށާއި، އޭގެ އިތުރުން މައްސަލަތައް ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ވެސް ހޯދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނު އޮތް ގޮތުން، އެ ކޮމިޝަނަށް މިހާރު ނުކުރެވޭނީ ޖިނާއީ ދައުވާ އަކަށް ޝަރީއަތަށް ފޮނުވުމަށް ބަޔާން ނެގުމުގެ މަސައްކަތް ކަމަށް ސުއޫދު ވިދާޅުވި އެވެ. ނަމަވެސް މައުލޫމާތު އެއްކުރުމަށް ބަޔާން ނެގުމުގައި ހުރަހެއް ނެތް ކަމަށް ސުއޫދު ވިދާޅުވި އެވެ.

މިކޮމިޝަންގެ މެމްބަރުންނަށް އެކަމުގެ ފަތްކޮޅު އެރުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމެމްބަރުންނާ ބައްދަލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް