ކ. މާލެ
|
20 ނޮވެންބަރ 2018 | އަންގާރަ 16:23
ޕީޕީއެމްއިން ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގެ ތެރެއިން
ޕީޕީއެމްއިން ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގެ ތެރެއިން
ރާއްޖެ އެމްވީ
ޕީޕީއެމް ލީޑަރޝިޕް
ޕީޕީއެމްގެ ވެރިޔަކު ނެތް، ސިޓީ ފޮނުވަންވީ ފަރާތެއް އަންގައިދޭން އެދިއްޖެ
ޕީޕީއެމްގެ މުސްތަޝާރުކަމުގެ މަޤާމު ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ވަނީ ގެއްލިފައި
ޕީޕީއެމްއިން ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގެ ނަތީޖާ ބަލައިނުގަތުމަށް އީސީން ވަނީ ނިންމާފަ

ކުރިން ވެރިކަންކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ފޮނުވާ ސިޓީ އެޑްރެސްކުރަންވީ ފަރާތެއް ސާފުކޮށްދިނުމަށް އިލެކްޝަން ކޮމިޝަނުން އެ ޕާޓީގެ ކިބައިން އެދިއްޖެއެވެ.

ޕީޕީއެމްގެ މުސްތަޝާރުކަމުގެ މަޤާމު ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ގެއްލިފައިވާއިރު، ޕީޕީއެމްއިން ސެޕްޓެމްބަރު މަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ރައީސް ޔާމީނަކީ ޕީޕީއެމްގެ ރައީސް ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެ ކޮންގްރެސްގެ ނަތީޖާ ޤަބޫލު ނުކުރުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާއި ގުޅިގެން އެ ޕާޓީގެ ހިންގުމަށް ވަނީ ހުސްކަމެއް އައިސްފައެވެ.

މި ހުސްކަމާއި ގުޅިގެން، ޕީޕީއެމްގައި މިޙާރު އޮތް ކައުންސިލަށް އެޑްރެސްކޮށް، ޕީޕީއެމްގެ ލިއެކިއުންތައް އެޑްރެސް ކުރާނެ ފަރާތެއް އަންގައިދިނުމަށް އެދި އެ ޕާޓީއަށް ސިޓީއެއް ފޮނުވާފައިވާކަން އިލެކްޝަން ކޮމިޝަނުގެ މެންބަރު، އަޙުމަދު އަކްރަމް ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފައެވެ.

ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަތަކާއި ގުޅިގެން 2016 ވަނަ އަހަރު އެ ޕާޓީގެ އިންތިޚާބީ ރައީސް، އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ޕާޓީން ބޭރުކުރުމާއި ގުޅިގެން، ތަރުތީބުވެގެން ދިޔަ ކަންތައްތަކުގެ ތެރޭގައި ސިވިލް ކޯޓުން ކުރި އަމުރަކާއި ގުޅިގެން ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ވަނީ ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ މުސްތަޝާރު ކަމަށް ކަނޑައަޅާފައެވެ. ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ މުސްތަޝާރަކީ އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލައި، އެ މަޤާމު ކާމިޔާބުކޮށް، ވެރިކަމުގައި ހުންނަ އެ ޕާޓީގެ ކެނޑިޑޭޓެވެ.

ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމުމާއި އެކު އެމަނިކުފާނަށް ވަނީ ޕީޕީއެމްގެ މުސްތަޝާރުކަމުގެ މަޤާމު ގެއްލިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް