ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 22:32
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާ އަދި ޗައިނާގެ ސަފީރުންނާއި ބައްދަލުކުރެއްވުން
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާ އަދި ޗައިނާގެ ސަފީރުންނާއި ބައްދަލުކުރެއްވުން
މުހައްމަދު ޝަރުހާން
ފޮރިން މިނިސްޓަރ
އިންޑިއާ އާއި ޗައިނާގެ ސަފީރުން ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި
ދެ ބޭފުޅުންނާއިވެސް ބައްދަލުކުރެއްވީ ހޯމަ ދުވަހު
ދެ ޤައުމާއި ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި

އިންޑިއާ އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން، ދިވެހިރާއްޖޭގެ އައު ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި ބައްދަލުކުރައްވައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޝްރީ އަކިލޭޝް މިޝްރާ، ފޮރިން މިނިސްޓަރ ޝާހިދާއި ބައްދަލުކުރައްވާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު ފޮރިން މިނިސްޓްރީގައެވެ.

މި ބައްދަލުވުމުގައި ސަފީރު މިޝްރާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް ރާއްޖެ ވަޑައިގަތް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީއަށް ދިވެހިރާއްޖެއިން އެރުވި މެހުމާންދާރީއަށް ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ އާއި ދިވެހިރާއްޖެއިން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، ކުރިއަށް އޮތް ތާންގައި ކުރިއަށް ގެންދެވިދާނެ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި މި ނޮވެމްބަރު މަހުގެ 26 ން 28 ށް ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާގެ ދިއްލީއަށް ކުރައްވާ ދަތުރުފުޅުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ މުހިއްމު ކަންކަމާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު މިޝްރާ އާއި އެކު، ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ފަރސްޓް ސެކްރެޓަރީ (ޕޮލިސީ)، އަރްޗަނާ ނައިރްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާންގް ލީޖޮންގްވެސް ވަނީ ހޯމަ ދުވަހު ފޮރިން މިނިސްޓަރ ޝާހިދު އާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް ޗައިނާގެ ރައީސްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މި ނޮވެމްބަރ މަހުގެ 16 އިން 18 އަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި ޗައިނާގެ ކަލްޗަރ އެންޑް ޓުއަރިޒަމް މިނިސްޓަރ، ލުއޯ ޝުގަންގްއަށް ދިވެހިރާއްޖެއިން އަދާކުރި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

ސަފީރުގެ ވާހަކަފުޅުގައި ރައީސް ސޯލިހު މިނިސްޓަރ ލުއޯއާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެއްކެވިކަން ކަން ފާހަގަކުރެއްވިއެވެ.

ހޯމަ ދުވަހުގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި އެމްބެސެޑަރ ޖާންގް ވަނީ ޗައިނާއިން ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ ތަރައްޤީގެ ތަފާތު މަސައްކަތްތަކާއި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ތަފާތު މަޝްރޫޢުތަކާއި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތާނގައި ދެޤައުމުގެ ގުޅުން ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، މިކަންކަމާ ގުޅޭ އިތުރު މަޝްވަރާތައް ކުރެއްވުމަށް މި އަހަރުގެ ފަހުކޮޅު މިނިސްޓަރ ޝާހިދު ޗައިނާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރ ޝާހިދާއި އެކު ދިވެހިރާއްޖޭގެ ސެކްރެޓަރީ ބައިލެޓަރަލް، އަހްމަދު ޚަލީލާއި މިނިސްޓްރީގެ ޑިރެކްޓަރ މަރިޔަމް މިދުފާ ނަޢީމް ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް