ކ. މާލެ
|
20 ނޮވެންބަރ 2018 | އަންގާރަ 17:11
މިހަރަކާތް ހިންގުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އަލީފު
މިހަރަކާތް ހިންގުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އަލީފު
ރާއްޖެއެމްވީ
ނެއްލައިދޫ
ނެއްލައިދޫގައި ''ރަށު ބޮޑު ބާބަކިޔު'' ބާއްވަނީ
މިހަރަކާތް އޮންނާނީ މިމަހުގެ 29 ގައި
ރަށުގެ އެންމެން އެއްތަނަކަށް ގެނެސް އެކުވެރި މާހައުލެއް އުފެއްދުމަށް މަސައްކަތް ކުރަންޖެހޭ
މިހަރަކާތުގައި ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވާނެ

ހދ ނެއްލައިދޫގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މުޖުތަމައު އެއްބައިވަންތަ ކުރުމަށް "ރަށު ބޮޑު ބާބާކިޔު" ނަމުގައި ޚާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މިހަރަކާތް ބޭއްވުމަށް އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އަލީފު ވިދާޅުވީ ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވާ މިހަރަކާތް ކުރިއަށް ގެންދަނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށެވެ.

އަލީފު ވިދާޅުވީ އެދުވަހުގެ ފަތިހު 5:30 އިން 10:30 އަށް އޮންނަނީ މަސްރޭހެއް ކަމަށާއި، މިރޭހުގައި އެންމެ ގިނަ އިން މަސްބާނާ ޓީމާއި، އެންމެ ބަރު ބަސް ބޭނި މީހަކު ހޮވައި އިނާމު ދެވޭނެ ކަމަށެވެ. މިމަސްރޭހަށްފަހު ކުރިއަށް ދަނީ ބާބަކިޔު ކަމަށާއި، މިބާބަކިޔުގައި ބޭނި މަސްތައް ބޭނުން ކުރާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

އަލީފު ވިދާޅުވީ މި ބާބަކިޔު ހުރިހާ ގޮތަކުން ތަފާތުވާނެ ކަމަށާއި، މި ބާބަކިޔުގައި ހަރު އުމުރުފުރާގެ މީހުންނަށް ސާރވް ކޮށްދޭނީ ޒުވާނުން ކަމަށެވެ. އެ މީހުން އެއްވެސް ކަމެއް ކުރަން ނު ޖެހޭނެ ކަމަށް އޭނަ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުޑަ ކުދިންނަށް ޚާއްސަކޮށްގެން ވެސް ބުފޭ އެއް ހަދާނެ ކަމަށާއި، ކުޑަ ކުދިންނަށް ޚާއްސަކޮށް ކެޔުން ތައްޔާރު ކުރާނެ ކަމަށެވެ.

"ހުރިހާ ރައްޔިތުން ވެސް ގުޅިގެން އެއްބައިވަންތަ ކަމާ އެކު މިކަމުގައި ފުރިހަމަ އެއްބާރުލުން ދިނުން އެދޭ އެދުމަކީ. ކަމެއް ފުރިހަމަ ވެގެން ދާނީ ކޮންމެ ގޮތެއް ވިޔަސް އެރަށެއްގެ އެ މުޖުތަމައުގައި ދިރިއުޅޭ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި އެހެންވީމަ މިކަމުގައި ރަށުގެ ކުދިބޮޑު އެންމެން އެއްބާރުލުން ދިނީމަ" އަލީފު ވިދާޅުވިއެވެ.

އަލީފު ވިދާޅުވީ މިހަރަކާތަށް ކައުންސިލަރުންނާއި، ސަރުކާރުގެ މުއައްޒަފުންގެ ވެސް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.

"މިބާބަކިޔު ހުރިހާ ގޮތަކުން ވެސް ތަފާތު ވާނެ. އެންމެ އެއްކަހަލަ ޓީޝާޓު ލައިގެން އުޅޭނީ. މިހާރު 130 ޓީޝާޓު ވިކިއްޖެ. އެއީ ހަމައެކަނި މިކަމަށް ޚާއްސަކޮށް އަޅުގަނޑުމެން އޯޑަރު ޖެހި ޓީޝާޓު. މި ޓީޝާޓެއް ވިއްކަނީ 100 ރުފިޔާއަށް. ލިބޭ ރުފިޔާ މިކަމަށް ހަރަދު ކުރާނީ" އަލީފު ވިދާޅުވިއެވެ.

މިހަރަކާތުގައި އިސްވެ މަސައްކަތް ކުރައްވާ އަލީ އިމްރާން ވިދާޅުވީ މިއީ ރަށުގެ އެންމެން އެއް ތަނަކަށް ގެނެސް އެކުވެރި މާހައުލެއް އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށާއި، މިހަރަކާތުގެ ސަބަބުން މުޖުތަމައުގެ އެއްބައިވަންތަކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ވިދާޅުވީ މި ބާބަކިޔުގައި 400 އާއި 500 މީހުން ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަލީ އިމްރާން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަނީ

"އެގިވަޑައިގަންނަވާނެ ރާއްޖޭގައި ސިޔާސީ ކަންތައްތައް ކުރިއަށް ގޮސްފައިވާ ގޮތް. ރިޔާސީ އިންތިޚާބު ވެސް ނިމިގެން ދިޔައީ. ފާއިތުވެގެން ދިޔަ ދުވަސްކޮޅުގައި ވަރަށް ބޮޑަށް މިއޮންނަނީ ޕާޓީތަކަށް ބައިބައިވެފައި. މިސާލަކަށް ގިނައިން މިފެންނަނީ އެއް ޕާޓީއެއްގެ ބޭފުޅުން ބޮނޑިބަތް ހަދާލައިގެން އެޕާޓީގެ ތެރޭގައި. އަނެއްޕާޓީ ވެސް އެކަހަލަ ގޮތަކަށް މިއުޅެނީ. މިކޮންސެޕްޓް އެއްކައިރި ކޮށްލާފަ އަޅުގަނޑުމެން ބޭނުންވަނީ މުޅި ރަށުގެ ރައްޔިތުންނަކީ އެއް ބަޔެއްކަން ހާމަކޮށްދޭން" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ގައުމާއި، ރަށަށް ހެޔޮ ބަދަލު ގެނައުމަށް ސިޔާސީ ކަންކަން އެއްފަރާތް ކުރުމަށްފަހު އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މި ހަރަކާތުގެ މެއިން ސްޕޮންސާރ އަކީ ކުޅުދުއްފުށީގެ ފިހާރަ އެއް ކަމަށްވާ ބައުންޓީ ޝޮޕެވެ. މިހަރަކާތުގެ ކޯސްޕޮސަރުންނަށް ވުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް