ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 19:29
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރައީސްގެ ވާހަކަފުޅު
މަރުތަކުގެ ޙަޤީގަތްތައް ހޯދުމުގެ ވާހަކައާ އެކު ރައީސް ސޯލިހް ފެންކަޅިވެއްޖެ
އެ ވާހަކަ ވިދާޅުވި އިރު ދެތިން ފަހަރު ހުއްޓުން އެރި
އެމަނިކުފާނު ހަމަޔަކަށް އެޅުނީ ކުޑައިރުކޮޅެއް ފަހުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އެންމެ އިސް ވައުދު ކަމުގައިވާ, މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް އަލުން ބަލއި އެމީހުންނަށް އިންސާފް ހޯދައިދިނުމުގެ ވާހަކަ ވިދާޅުވަމުން ގެންދެވި އިރު އެމަނިކުފާނު އަސަރުން ފުރި ފެންކަޅިވެއްޖެއެވެ.

ރާއްޖޭގެ އެންމެ އިސްވެރިޔާ ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަތުމަށް ފަހު ޤައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންތައްތައް ފާހަގަ ކުރައްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ

"އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އިންސާފް ހޯދައިދޭން އެބަޖެހޭ. ދިވެހި ދައުލަތުގެ ޚަޒާނާ އިން ގެއްލިފައިވާ ފައިސާ އަނބުރާ ދިވެހިންނަށް ހޯދައި ދޭން ޖެހޭ. ގޮތް ނޭނގޭ މަރުތަކާ ގެއްލުވާލާފައިވާ މީސް މީހުންގެ މައްސަލަތަކުގެ ޙަޤީގަތްތައް ހޯދައި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ. އަޅުގަނޑުމެން ޤައުމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ ކުރިއަށް ދިއުމަށްޓަކައި މިކަންކަން ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ކޮންމެހެން ކުރަން ޖެހޭކަމެއް" ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

އެ މަނިކުފާނު އެ ވާހަކަ ދައްކަވަމުން ގެންދެވީ ވަރަށް ބޮޑަށް އަސަރުކޮށް އަޅައަޅައިގަންނަމުންނެވެ. ވާހަކަފުޅު ކުރިއަށް ނު ގެންދެވި ދެތިން ފަހަރަށް މަޑުކޮށްލެއްވި އިރު އެމަނިކުފާނު ވަނީ ފެންކަޅިވެ ކީރިތި ކުރެއްވޭ ވަރުގައެވެ. އަދި އެވަގުތު ޓީވީ ޗެނަލްތަކަށް މަޖްބޫރުވެފައި ވަނީ ސްކްރީނުން އެމަނިކުފާނު ނުދައްކާ ވަޑައިގެން ތިއްބެވި ފަރާތްތަކަށް އަމާޒު ކުރާށެވެ.

އެވާހަކަ ވިދާޅުވުމާ އެކު ހުރިހާ ޓީވީ ޗެނަލްތަކުން އެމަންޒަރު ދައްކަމުންދިޔަ އިރު ކެމެރާތަކުގެ ލެންސް އަމާޒުވެފައި ވަނީ ޖަލްސާ އަށް ހާޒިރުވެ ތިބި މީހުންގެ ތެރޭގައި ހިމެނޭ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ އާއިލާއަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމަށް ފަހު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންކަމުގެ ގޮތުގައި އެވާހަކަ ފާހަގަ ކުރެއްވި އިރު، އެއީ އެމަނިކުފާނުގެ ކެމްޕެއިން ގައި ވެވަޑައިގެންނެވި އެއް ވައުދެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ ކަމެއްގެ ގޮތުގައި ވަނީ ވިދާޅުވެފައެވެ.

އަނިޔާވެރި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ އާއި ބްލޮގަރ ޔާމިން ރަޝީދުގެ އިތުރުން މާލޭގެ މަގުތަކުގައި މަރާލާފައި އެއްލާލި އެތައް ބައެއްގެ މަރަށް އަދި ވެސް ވަނީ އިންސާފް ނު ލިބިއެވެ. މީގެ އިތުރުން ގެއްލުވާލާފައިވާ ރިޟްވާންގެ އެއްވެސް ޙަޤީގަތެއް މި ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ވަނީ ނުހޯދިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް