ކ. މާލެ
|
17 ނޮވެންބަރ 2018 | ހޮނިހިރު 17:51
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހުގެ ވާހަކަފުޅު
ރައްޔިތުންނަށް މުހިއްމު ގިނަ ކަންތައްތަކާއެކު ސަރުކާރުގެ 100 ދުވަހުގެ ޕްރޮގްރާމު އިއުލާނު ކުރައްވައިފި
ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދަވާނެ
ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލެވޭނެ
އެއަރ އެމްބިއުލޭންސްގެ ޚިދުމަތް މުޅި ރާއްޖެއަށް ތައާރަފް ކުރެވޭނެ
ބޯހިޔަވަހިކަން ބޭނުންވެފައިވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު ފައްޓަވާނެ

ރައްޔިތުންނަށް މުހިއްމު ގިނަ ކަންތައްތަކާ އެކު ސަރުކާރުގެ ސަތޭކަ ދުވަހުގެ ޕްރޮގްރާމުގެ ތެރެއިން ކުރައްވާނެ ކަންކަން ހާމަކުރައްވައިފިއެވެ.

ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ރައްޔިތުންނާ މުހާތަބު ކުރައްވާ އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ އެންމެ ފުރަތަމަ ސަތޭކަ ދުވަހުގައި ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮ ކުރައްވާނެ ކަމަށެވެ.

ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށިގެންދާނެ ކަމަށާއި، ފަރުޟު ހައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތް ހަމަޖެހިގެންދާނެކަން ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރުގެ ފަރާތްތަކުން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލެވޭނެ ކަމާއި، ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލެވޭނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުނިޔެ ހޫނުވުމުން ތިމާވެށްޓަށް އަންނަ ބަދަލުތަކުން މި ދުނިޔެ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެ ވެގެންދަނީ ޖަޒީރާ ޤައުމުތަކުގެ ލީޑަރަކަށް ކަމާއި، ގްރީން ޓެކްސްގެ ގޮތުގައި، ނެގޭ ފައިސާ ހޭދަކުރައްވާނީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމާ ގުޅުން ހުރި މަސައްކަތްތަކަށް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި އިތުރު ކަންތައްތަކުގެ ތެރޭގައި ކައުންސިލްތައް މެދުވެރިކޮށް، އިތުބާރުހިފޭ ހައުސިންގ ނީޑް އެސެސްމަންޓެއް ހައްދަވައި، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢު ފަށްޓަވާނެ ކަމަށް އެމަނިފާނު ވިދާޅުވިއެވެ.

އިމަރޖެންސީގައި ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ޚިދުމަތްދިނުމަށް އެއަރ އެމްބިއުލޭންސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދެއްވަން ފަށްޓަވާނެކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަހުގެ ޕްރޮގްރާމްގެ ތެރޭގައި ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދަވައި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވައި، ވޭތުވެދިޔަ މުއްދަތުގައި ހިފަހައްޓާފައިވާ ބާރުތައް ކައުންސިލްތަކަށް އަލުން ލިބިގެންދާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ ވޭތުވެދިޔަ ފަސް އަހަރު އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢާ ވަކިވެ، އެކަހެރިވެފައިކަން އެއީ، މިއަދު އަޅުގަނޑުމެންނަށް ފެންނަން އޮތް ސާފު ޙަޤީޤަތެއްކަމުގައި ވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެ އާއި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ، އަޅުގަނޑުމެންގެ އިސް ވާޖިބެކެވެ. އަދި ޚާރިޖީ ސިޔާސަތުގައި އިސްކުރައްވާނީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ކަމުގައި ވެސް ފާހަގަކުރެއްވިއެވެ. ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާނީ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓްޗޭންޖް ޑިޕްލޮމެސީގެ މައްޗަށް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް