ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 19:16
ރައީސް ސޯލިޙް ހުވައި ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ޤައުމާ މުޚާޠަބު ކުރައްވަނީ
ރައީސް ސޯލިޙް ހުވައި ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ޤައުމާ މުޚާޠަބު ކުރައްވަނީ
މުހައްމަދު ޝަރުހާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް
ރައްޔިތުން ވޯޓު ދިން ސަބަބު އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނުނެތޭނެ: ރައީސް ސޯލިޙް
ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އަދުލު އިންސާފު ޤާއިމް ވެގެންދާތަން ފެނުން
ރައްޔިތުން ވޯޓު ދެއްވި ގޮތަށް ބެލުމެއް ނެތި އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނަން
ރައްޔިތުން ވޯޓު ދިނީ އިންސާފުގެ މަގަށް ޤައުމު ގެންގޮސް، އަމާންކަން ޤާއިމްކޮށް، ކޮރަޕްޝަން ނައްތާލުމަށް

ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އަދުލު އިންސާފު ޤާއިމް ވެގެންދާ ތަން ފެނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ. 

ދިވެހި ޖުމްހޫރިއްޔާގެ 7 ވަނަ ރައީސްގެ މަޤާމުގެ ހުވައި ކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންނާ މުޚާޠަބުކުރައްވައި ރައީސް ސޯލިޙް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ޤާނޫނު ހިންގުމުގެ ބާރު އިސްލާހުކުރަން ޖެހޭ ކަމަށާއި ފަނޑިޔާރުންނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުން ޝަރީޢަތް ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދޭން ޖެހިފައިވާ ކަމަށެވެ. އަދި އައު ސަރުކާރުން ޚިދުމަތް ކޮށްދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށާއި، އެއްވެސް ރައްޔިތަކު ބާކީ ވެގެން ނުދާނެކަމުގެ ޔަޤީންކަން ރައީސް ސޯލިޙްގެ ވާހަކަފުޅުގައި ރައްޔިތުންނަށް އެރުވިއެވެ.

ވެރިކަމުގެ ހުވައި ކުރެއްވުމަށް ފަހު ރައީސް ސޯލިޙް ވިދާޅުވީ މާތް ﷲގެ ވާގިފުޅާ އެކު އެމަނިކުފާނު ކުރެއްވި ވެރިކަމުގެ ހުވާގެ މަތީގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ. ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ކުރި ލިބިވަޑައިގަތް ނަމަވެސް، އެމަނިކުފާނާއި ވާދަކުރެއްވި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަށް ވެސް ވޯޓު ދެއްވި ރައްޔިތުން ތިއްބެވިކަން ފާހަގަކުރައްވަމުން ރައީސް ސޯލިޙް ވިދާޅުވީ އެދުވަހު ރައްޔިތުން ވޯޓު ދެއްވި ގޮތަށް ބެލުމެއް ނެތި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

"ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް އެދުވަހު ވޯޓު ދެއްވީ، އެ ރައްޔިތަކު ދެކޭގޮތުގައި ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ފެނުނުގޮތަށް. މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކޮށް މި އަރުވަނީ، އެދުވަހު ތިޔަބޭފުޅުން އިޚްތިޔާރުކުރެއްވި ގޮތަކަށް ބެލުމެއްނެތި، ތިޔަ ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ޚިދުމަތްކުރުމުގައި އަޅުގަނޑު ދެމިހުންނާނެ ވާހަކަ," ރައީސް ސޯލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިޙް ވިދާޅުވީ އެމަނިކުފާނަށް ރައްޔިތުން ވޯޓު ދިން ސަބަބު އެންމެ ހިނދުކޮޅަކަށް ވެސް ހަނދުމަފުޅު ނު ނެތޭނެކަމަށެވެ. އެގޮތުން ރައްޔިތުން އެ މަނިކުފާނަށް ވޯޓު ދިނީ އިންސާފުގެ މަގަށް ޤައުމު ގެންގޮސް، އަމާންކަން ޤާއިމް ކޮށް، ކޮރަޕްޝަން ނައްތާލުމަށް ކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވީ ގެއްލިފައިވާ އަދި ފުރިހަމަ ނުވާ އަސާސީ ހައްޤުތައް ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު ވެ ވަޑައިގެންނެވި ވައުދުގެ މައްޗަށްކަމަށާއި، އެމަނިކުފާނު ވެ ވަޑައިގެންނެވި އެއްވެސް ވައުދެއް ހަނދުމަފުޅު ނު ނައްތަވާނެކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ. އަދި ހަމަ އެއާއި އެކު ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިނީ ކޯލިޝަންގެ ކެންޑިޑޭޓްގެ ގޮތުގައި ކަމަށާއި، އެކަން ހުރިހާ ފަރާތްތަކުން ވެސް އަބަދު ވެސް ހަނދާން ބަހައްޓަން ވާނެކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ.

"ރައްޔިތުން ވޯޓު ދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން. އަމާން ވެށްޓެއް ޤާއިމުކުރުމަށް. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް. ނު ލިބިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައި ދިނުމަށް އަޅުގަނޑު ވީ ވަޢުދުތަކުގެ މައްޗަށް. މީގެތެރެ އިން އެއްވެސް ވަޢުދަކީ، އަޅުގަނޑު ހަނދާން ނައްތާލާނެ ވަޢުދެއް ނޫން."

ރައީސް ސޯލިޙް ވިދާޅުވީ އައު ޤާނޫނު އަސާސީ އާއި އެކު ރައްޔިތުން ކުރި އުއްމީދުތައް ވިއްސި ވިހާލި ވެފައިވާކަމަށާއި، މިއަދު ކުރައްވަން ފައްޓަވާ މަސައްކަތަކީ ދައުލަތުގެ އެންމެހާ ކަންކަން ޤާނޫނީ އިމުގެ ތެރެއަށް ގެންގޮސް އިންސާފު ޤާއިމްކުރުން ކަމަށެވެ. އަދި ދައުލަތުގެ އެންމެހާ ކަންކަން އިންސާފުގެ މަގަށް މިސްރާބު ވެގެންދާ މަންޒަރު ފެންނާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ރައީސް ސޯލިޙް ވަނީ އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް