ކ. މާލެ
|
16 ނޮވެންބަރ 2018 | ހުކުރު 07:25
ޙައްޖަށް ދިޔުމަށް ބަޔަކު ފުރަން ގޮސް
ޙައްޖަށް ދިޔުމަށް ބަޔަކު ފުރަން ގޮސް
ގޫގުލް
ޙައްޖު ކޯޕަރޭޝަން
ހައްޖުވެރިންގެ ފައިސާ ނުގެއްލޭ ކަމަށް ޙައްޖު ކޯޕަރޭޝަންއިން ބުނެފި
ފައިސާ ދެއްކި ފަރާތްތަކުން ކަންބޮޑު ނުވުމަށް އެދުނު
ހައްޖަށް ދިޔުމަށް ދެއްކި ފައިސާ އެހެން ކަމަށް ބޭނުން ނުކުރާ ކަމަށް ބަޔާނުގައިވޭ

ހައްޖަށް ދިޔުމަށް ދައްކާ ފައިސާ ބަހައްޓަނީ ވަކި އެކައުންޓެއްގައި ކަމަށާއި މީހުން ހައްޖަށް ފޮނުވުން ނޫން އެހެންކަމެއްގައި އެ ފައިސާ ބޭނުން ނުކުރާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް އެކުލަވާލި ޓްރާންސިޝަން ކޮމިޓީން ދައްކާފައިވާ ވާހަކަތައް ދޮގުކޮށް ޙައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޖަށް ދިއުމަށް، އެއްކޮށް ފައިސާ ދައްކާފައި ވަނީ 1817 މީހުން ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ޙައްޖަށް ދިއުމަށް ފައިސާ ދެއްކި އެންމެވެސް ގެންދާނެ ވަރަށް ފައިސާ ހައްޖު ކޯޕަރޭޝަންގައި އެބަހުރި ކަމަށެވެ.

ޓްރާންސިޝަން ކޮމިޓން ބުނީ 300 އެއްހާ މީހުން ހައްޖަށް ދިޔުމަށް ދެއްކި ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ އެހެން ކަންކަމަށް އެ ކޯޕަރޭޝަނުން ބޭނުންކޮށްފައިވާ ކަމަށެވެ.

ޙައްޖު ކޯޕަރޭޝަނުގެ ބަޔާނުގައި ބުނެފައިވަނީ އެކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދެއްކި އެއްވެސް ފަރާތަކުން، ހައްޖަށް ނުދެވިދާނެ ކަމަށް ހީކޮށް ކަންބޮޑުނުވުމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން ހައްޖަށް ގެންދިޔަ މީހުންގެ ތެރެއިން ފައިސާ ނުލިބި ވަނީ މަލީޝާ ޖަމާއަތުގެ މަކަރުގައި ޖެހުނު މީހުންނެވެ.

އެގޮތުން ނުލިބިވާނީ ސަރުކާރުން އަންގައިގެން ގެންދިޔަ މީހުންނަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ އާއި ސަރުކާރުގެ ކުންފުނިތަކަކުން ފައިސާ ދައްކާ ގޮތަށް ހައްޖަށް ގެންދިޔަ ބަޔަކަށް އެ ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާތައް އެކަނި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހައްޖު ކޯޕަރޭޝަނުގެ ބަޔާނުގައި އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ފައިސާ ނުދައްކާ ވަނީ ކޮން ކުންފުނިތަކަކުން ކަމެއް ބުނެފައެއް ނެތެވެ.

ހައްޖަށް މީހުން ގެންދިއުމުގެ އަގު ބޮޑުވެފައިވީ ނަމަވެސް އެ ކޯޕަރޭޝަނުން އަގު ބޮޑު ނުކުރާ ކަމަށާއި އަދި ހައްޖަށް މީހުން ގެންދަނީ އެކަން ކުރެވޭނެ އަގުގައި ނޫން ކަމަށް ހައްޖު ކޯޕަރޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް