ކ. މާލެ
|
15 ނޮވެންބަރ 2018 | ބުރާސްފަތި 12:37
އިންތިގާލީ ކޮމެޓީ
އިންތިގާލީ ކޮމެޓީ
މުހައްމަދު ޝަރުހާން
ޓްރާންސިޝަން ކޮމެޓީ
ހައްޖަށް ދާން ކުރިއަށް ފައިސާ ދެއްކި 300 މީހެއްގެ ފައިސާކޮޅު ވަނީ ކޯޕަރޭޝަނުން ބޭނުންކޮށްފައި: އިންތިގާލީ ކޮމެޓީ
އެމީހުންނަށް ހައްޖަށް ދެވޭނެ ގޮތެއް ނެތް
ކުންފުނިން 20 މިލިއަން ރުފިޔާ ވަނީ ނަގާފައި
ސިޔާސީ މީހުން ބުނެގެން ކްރެޑިޓަށް ވެސް މީހުން ހައްޖަށް ގެންގޮސްފައިވޭ

ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ކުރިއަށް ފައިސާ ދެއްކި 300 މީހެއްގެ ފައިސާކޮޅު އެކޯޕަރޭޝަނުން ވަނީ އެހެން ކަމަކަށް ބޭނުން ކޮށްފައި ކަމަށް އެކޯޕަރޭޝަންގެ ހާލަތު ބެލި އިނތިގާލީ ކޮމެޓީން ބުނެފިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު ދެނެގަތުމަށް އުފައްދާފައިވާ އިންތިގާލީ ކޮމެޓީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ކުރީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަށް އެކި އަހަރުތަކަށް ބަހާލައިގެން ހައްޖަށްދާން ފައިސާ ދެއްކި މީހުންގެ ތެރެއިން 300 މީހުން ހައްޖަށް ގެންދެވޭނީ ސަރުކާރުން 30 މިލިއަން ރުފިޔާ ހަމަޖައްސައިދީގެން ކަމަށެވެ. މި ފައިސާއަކީ ކުރިއަށް އޮތް ފަސް އަަހރު ދުވަހަށް އެޑްވާންސްކޮށް މީހުން ދައްކާފައިވާ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލިޔާސް ލަބީބު ވިދާޅުވީ ހައްޖު ކޯޕަރޭޝަން އުފައްދާފައި ވަނީ ވަރަށް މާތް މަޤަސަދެއްގައި ކަމަށާއި އެކުންފުންޏަކީ ފަރުޟު ހައްޖު އަދާކުރުމަށް ދުރާލާ ފައިސާ ދެއްކުމުން ދައުލަތުން އެ މީހުން ކަށަވަރުކަމާ އެކު ހައްޖަށް ގެންދިއުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެކުންފުންޏަށް ފައިސާ ދެއްކި އެންމެނަށް އަދި ހައްޖަށް ދެވިފައި ނުވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ހައްޖު ކޯޕަރޭޝަން ބޭނުންކުރަމުން ދިޔައީ ސިޔާސީ ގޮތުން ކަމަށެވެ. އެގޮތުން ސިޔާސީ ބައެއް ބޭފުޅުން ބޭނުންވާ މީހުން ހައްޖަށް ފޮނުވުމާއި ކްރެޑިޓަށް ބައެއް ފަރާތްތައް ހައްޖަށް ފޮނުވާފައިވާކަން ވެސް އިލިޔާސް ފާހަގަ ކުރެއްވިއެވެ.

"ކަންބޮޑުވާ މިންވަރަށް ކަންކަން ހިނގާފައިވާކަމަށް ތުހުމަތު ކުރެވޭ. ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ކުންފުނިން އެހެންކަންކަމަށް ޚަރަދުކޮށްފައިވޭ. އެއީ ކުރިއަށް އޮތް 5 އަހަރަށް މީހުން އަހަރުތަކަށް ބަހާލައިގެން ކުންފުންޏަށް މިއިންނަނީ އެޑްވާންސްކޮށް ފައިސާ ދައްކާފައި. އެފައިސާގެ ތެރެއިން 300  މީހުން ހައްޖަށް ގެންދެވޭނެ ފައިސާއެއް މިހާރަކު ނެތް. އަދި އެބަހުރި ސިސާޔީ ބޭފުޅުން މީހުން ބޭނުންވާ ވަކިބަޔަކު ހައްޖަށް ފޮނުވާފައި. އަދި ކްރެޑިޓަށް ހައްޖަށް ފޮނުވާފައި،" އިލިޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ މީގެ އިތުރު ތަފްސީލް އެނގޭނީ އާސަރުކާރުން ހަވާލުވެ ބެލުމުން ކަމަށެވެ. އަދި މިކުންފުނި ހަރުދަނާކޮށް މީހުން ހައްޖަށް ގެންދެވޭނޭ ގޮތެއް ހަދަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް