ކ. މާލެ
|
15 ނޮވެންބަރ 2018 | ބުރާސްފަތި 11:13
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް
ރާއްޖެއެމްވީ
ފަލަ ސުރުހީ
ބަޖެޓުގައި އައު ސަރުކާރުގެ ފުރަތަމަ އަހަރު ހިންގާ މަޝްރޫއުތަކުގެ ހަރަދުތައް ހިމެނިން: ފައްޔާޒު
ބަޖެޓް ތައްޔާރުކޮށްފައި އޮތީ މިސަރުކާރުގެ ބޭފުޅުންގެ ވިސްނުމާއި ހިޔާލުގެ މައްޗަށް
ރައީސް ސޯލިހުގެ ވައުދުތަކާއި، ޕޮލިސީތައް ބަޖެޓްގައި ހިމެނުމަށް އެކަށީގެންވާ ވަގުތު ނުދޭ
ރައީސްގެ ވައުދުފުޅުތަކުގެ ތެރެއިން މިއަހަރު ފެށިދާނެ ކަންކަން ހިމެނިން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އައު ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ އަހަރު ހިންގާ މަޝްރޫއުތަކަށް ހޭދަވާ ހަރަދުތައް ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ހިމެނުނު ކަމަށް ޓްރާންސިޝަން އިކޮނޮމިކް ކޮމެޓީގެ ޗެއަރ އަދި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފައްޔާޒު ވިދާޅުވީ 2019 އަހަރަށް ލަފާކުރާ ބަޖެޓަކީ ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައި ފޮނުވި ބަޖެޓެއް ކަމަށާއި، ބަޖެޓް ތައްޔާރުކޮށްފައި އޮތީ މިސަރުކާރުގެ ބޭފުޅުންގެ ވިސްނުމާއި ހިޔާލުގެ މައްޗަށް ކަމަށެވެ. އޭނާ ވިދާޅުވީ އެބަޖެޓްގައި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިމަނުއްވަން ބޭނުންވާ ގިނަ ކަންކަން ނެތް ކަމަށާއި، ބަޖެޓްގައި 10 އިންސައްތަ ވެސް ހިމަނާފައިނުވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އިންތިޚާބީ ރައީސް ސޯލިހުގެ ވައުދުތަކާއި، ޕޮލިސީތައް ބަޖެޓްގައި ހިމެނުމަށް އެކަށީގެންވާ ވަގުތު މިސަރުކާރުން ނުދޭ ކަމަށާއި، ނަމަވެސް ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ދޮޅު ބިލިއަނެއްހާ ރުފިޔާގެ ޖާގަތަކަށް ބަދަލު ގެނެވުނު ކަމަށެވެ. އެގޮތުން މަސައްކަތް ކުރީ އިންތިޚާބީ ރައީސްގެ ވައުދުފުޅުތަކުގެ ތެރެއިން މިއަހަރު ފެށިދާނެ ކަންކަން ހިމެނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ބަޖެޓްގެ ހަރަދާއި، އާމްދަނީ ބަޔަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، އެއީ މިސަރުކާރުން ފޮނުވާފައި އޮތްގޮތް ކަމަށެވެ.

"އެއްވެސް ޑޭޓާއަކީ ސަރުކާރު ފިޔަވައި އެހެން ބަޔަކަށް ލިބޭ އެއްޗެއްނޫން. އެހެންވީމަ އަޅުގަނޑުމެންނަށް ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ދިރާސާ ކުރެވޭކަށް ނެތް. އެ މައުލޫމާތުތަކެއް ނެތް. މޫސަރަ ދޭންޖެހެނީ ކިހިނެތްތޯ. ސަރުކާރު ހަރަދު ކުރީ ކިހިނެތްތޯ. އެހުރި ގޮތަށް ބަހައްޓާފަ އަޅުގަނޑުމެން އެބަޖެޓްގެ އެހުންނަ މިންގަނޑުތަކަށް ބަލައިގެން މި ދެންނެވިހެން ދޮޅު ބިލިއަނެއްހައި ރުފިޔާގެ ތެރެއިން އަޅުގަނޑުމެން ބޮޑަށް ކަވާރ ކުރީ ބޮޑަށް ޕީއައިއެސް ޕްރޮޖެޓްތަކަށް،" ފައްޔާޒު ވިދާޅުވިއެވެ.

ހިލޭ ޑިގްރީއާ ހަމައަށް ކިޔެވޭނެ ގޮތް ހަމަޖެއްސުމަކީ އިންތިޚާބީ ރައީސް ސޯލިހުގެ ވެރިކަމުގެ ވަރަށް މުހިންމު ވައުދެއްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ޕްރޮޖެކްޓްގެ އެއްވެސް ކަމެއް ސަރުކާރުން ހިމަނާފައި ނުވާ ކަމަށާއި، ނަމަވެސް މިހާރު ޕްރޮޖެކްޓް ފެށުމުގެ ބައެއް ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.

ޓްރާންސިޝަން ފައިނޭންސް ޓްރެޝަރީ ކޮމެޓީގެ ޗެއަރ މުހައްމަދު ނާޝިދު ވިދާޅުވީ ބަޖެޓަށް ކުޑަ ބަދަލެއް ވެސް ގެނެވުނީ ފިނޭންސް މިނިސްޓްރީން ދެއްވި ދައުވަތެއްގެ ތެރެއިން ލިބުނު ކުޑަ ވަގުތުކޮޅެއްގެ ތެރެއިން ކަމަށެވެ. އަދި މި ވަގުތުކޮޅުގެ ތެރޭގައި އިންތިޚާބީ ރައީސް ސޯލިހުގެ ވައުދުފުޅުތަކާއި އެންމެ އެކަށީގެންވާ ގޮތަށް ބަލައިނުލެވޭ ކަމަށެވެ. ނަމަވެސް މައިގަނޑު ކަންކަން ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް އެ ލިބުނު ވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވި ވަރަށް ގިނަ މައުލޫމާތުތައް. ޚާއްސަކޮށް ފިނޭންސް މިނިސްޓްރީގެ ތެރެއިން ވެސް ވަގުތުގައި އެ މައުލޫމާތު ހިއްސާކޮށްފައިނުވާތީ 100 ޕަސެންޓްއެއީ އަޅުގަނޑުމެންގެ ބައިވެރިވުމާ އެކު ހުށަހެޅި ބަޖެޓެކޭ ބުނެވޭކަށް ޖާގައެއް ނެތް" ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ މިބަޖެޓުގައި ކޯލިޝަންގެ ބޭފުޅުންގެ ދައުރު ކުޑަ ކަމަށާއި، ބަޖެޓް ތައްޔާރު ކުރީ މިސަރުކާރުން ކަމަށެވެ. އަދި މިއީ ބަޖެޓް ހުށަހަޅާ ކަންތައްތައް ކުރިއަށް ގެންދާ ގޮތް ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް