ކ. މާލެ
|
15 ނޮވެންބަރ 2018 | ބުރާސްފަތި 07:29
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން
އަޒުމޫން އަހުމަދު
ޕެންޝަން ފަންޑު
ޕެންޝަން ފަންޑަށް 1.5 ބިލިއަން ރުފިޔާ، ވަކި ވަކި އިދާރާތަކުން ހިންގާ ޕެންޝަން ސްކީމު ހުއްޓުވަންޖެހޭ
އެއް އަހަރުން އަނެއް އަހަރަށް ޕެންޝަން ފަންޑު އަންނަނީ ބޮޑުވަމުން
ޕެންޝަން ސްކީމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ

އަންނަ އަހަރުގެ ބަޖެޓުން ޕެންޝަނަށް 1.5 ބިލިއަން ރުފިޔާ ހޭދަ ކުރަންޖެހޭ ކަމަށާއި ދައުލަތުގެ އިދާރާތަކުން ޕެންޝަން ދިނުމުގެ އުސޫލް ރަނގަޅު ކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ ޕެންޝަން ފަންޑުން ދޫކުރަންޖެހޭ ފައިސާ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ އިރު، މި ނިޒާމު ހަރުދަނާ ކުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ޕެންޝަންގެ ހަރަދު 2040 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު 9 ޕަސެންޓްގެ އިތުރުވުމެއް އަންނާނެއެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަން ފާއިތުވެދިޔަ އަހަރުތަކުގައި އިތުރުވެފައިވާ މިންވަރަށްވުރެ މަތީ އަދަދެއްކަމުން، މިފަދަ ޕެންޝަން ސްކީމުތަކަށް ދައުލަތުން ޚަރަދުކުރުމަކީ ކުރިމަގުގައި ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ފިނޭންސް އިން ބުނެއެވެ.

މިފަދަ ސްކީމުތަކުގައި އިދާރާތަކުގެ މުވައްޒަފުންނަށް، ވަޒީފާއިން ރިޓަޔަރކުރުމުން އެއްފަހަރާ ދެވޭ އިނާޔަތަކާއި އެ މީހަކު ނިޔާވުމާ ހަމައަށް މަހުން މަހަށް ދެވޭ އިނާޔަތްތައް ހިމެނެއެވެ. މިގޮތުން ދެވޭ އިނާޔަތްތަކަކީ ސީދާ ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދެވެ. އަދި މިކަމުގެ ސަބަބުން ދައުލަތުގެ ރިކަރަންޓް ޚަރަދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

2017 ވަނަ އަހަރު އެކަނިވެސް، މި ސްކީމުތަކުގެ ދަށުން، ދައުލަތުގެ ބަޖެޓުން 189.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ފިނޭންސް އިން މިގޮތަށް ފާހަގަކޮށްފައިވާ އިރު އާންމު ޕެންޝަން ސްކީމުގެ ބޭރުން ސަރުކާރުގެ ބައެއް އިދާރާތައް ކަމުގައިވާ ފުލުހުންގެ މުއައްސަސާ އާއި އެމްއެންޑީއެފް އާއި ކަސްޓަމްސްގެ އިތުރުން މޯލްޑިވްސް ކަރެކްޝަންސް ސަރވިސަސް އިން ވެސް ދަނީ އެ އިދާރާތަކުގެ މުވައްޒަފުންނަށް ހާއްސަ ޕެންޝަން ސްކީމުތަކެއް ތައާރަފްކޮށްފައެވެ. މި އިދާރާތަކުން ހިންގާ ސްކީމުތަކަކީ ދައުލަތުގެ ހަރަދަށް އިތުރަށް ބުރަބޮޑުވެގެންދާނެ ކަމަށް ފިނޭންސް އިން ވަނީ ފާހަގަކޮށްފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރުން ހިންގާ ފަންޑުތައް މެނޭޖްކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި މަޖިލީހުގެ ތެރެއިން މިކަންކަމަށް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުން ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް