ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 18:57
ޓްރާންސިޝަން ކޮމެޓީތަކުން ބޭއްވި ޕްރެސްކޮންފަރެންސް
ޓްރާންސިޝަން ކޮމެޓީތަކުން ބޭއްވި ޕްރެސްކޮންފަރެންސް
މުހައްމަދު ޝަރުހާން
ޓްރާންސިޝަން ކޮމިޓީތައް
މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވަން އާކަމެއް ކޮށްފައެއް ނެތް: ޑރ ހުސައިން ރަޝީދު
ބޭނުންވި ހުރިހާ މައުލޫމާތެއް ނުދޭ
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިހުރި ކަންކަން އެބަހުރި
އިންވެސްޓްމަންޓް ފޯރަމްތަކުން ނެރެވުނު ނަތީޖާއެއް ނެތް

ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ކުރިއަރުވަން އެއްވެސް އާކަމެއް ކޮށްފައި ނުވާކަމަށް ޓްރާންސިޝަންގެ މަސައްކަތްކުރާ އިކޮނޮމިކް ކޮމެޓީގެ ސަބްކޮމެޓީތަކުން ބުނެފިއެވެ.

ސަރުކާރު ބަދަލުވާއިރު މިނިސްޓްރީތަކުގެ މައުލޫމާތު ސާފުކުރުމަށް ހަދާފައިވާ އިކޮނޮމިކް ކޮމެޓީތަކުގެ ސަބްކޮމެޓީގެ ޗެއަރމަނުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން ގިނަ މައުލޫމާތު ތަކެއް ލިބުނު ކަމުގައިވީނަމަވެސް ދީފައިވަނީ އެމިނިސްޓްރީން ދޭން ބޭނުންވި މައުލޫމާތެއް އެކަނި ކަމަށެވެ.

ޑރ ހުސައިން ރަޝީދު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން ހިންގާފައިވާ ކަންތައްތަކުގެ ތެރޭގައި ދައުލަތަށް އެންމެ ފައިދާ ނުވާގޮތަށް ކަންކަން ހިންގާފައި އެބަހުރި ކަމަށާއި ކުރިން ކުރަމުން އައި ކަމެއްގެ އިތުރުން މިދިޔަ 5 އަހަރުގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް އާކަމެއް ކޮށްފައި ނުވާކަމަށެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންކަން އެބަހުރި ކަމަށާއި އެކަން އެންމެ ރަނގަޅަށް އެނގިގެންދާނީ އެވުޒާރާއާ ހަވާލުވާ މިނިސްޓަރަކު އެމިނިސްޓްރީގެ ކަންކަން ރަނގަޅަށް ބެއްލެވުމުން ކަމަށްވެސް ޑރ ހުސައިން ވިދާޅުވިއެވެ.

އެމިނިސްޓްރީން އެދުނީ ލިޔުމަކުން މައުލޫމާތަށް އެދެންކަން ފާހަގަ ކުރައްވަމުން ޑރ ހުސައިން ވިދާޅުވީ އެގޮތައް ލިޔުމުންވެސް މައުލޫމާތު ދެއްވާފައި ވަނީ އެމިނިސްޓްރީން ބޭނުންވި މައުލޫމާތެއް އެކަނި ކަމަށެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ އިކޮނޮމިކް ކޮމެޓީގެ މެމްބަރު އިޔާދު ހަމީދު ވިދާޅުވީ ލޭބަރ އަދި ޓްރާންސްޕޯޓްގެ ޕޮލިސީތައް ހުރީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށާއި ބޭރުގެ އެހީގައި ހިންގާ ބައެއް މަޝްރޫއުތައްވެސް ހުއްޓިފައިވާ ކަމަށެވެ. އަދި ހިންގާތާ އެތައް އަހަރެއް ވެފައިވާ މަޝްރޫއުތަކުންވެސް އެދެވޭ ނަތީޖާއެއް ނުލިބި ހުއްޓިފައިވާ ކަމަށެވެ.

އިޔާދު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯން ހިންގަންވެސް ހުރީ އެންމެ މުވައްޒަފެއް ކަމަށާއި ބޮޑު ޚަރަދުކޮށްގެން ބޭރުގެ ޤައުމުތަކުގައި ހިންގާފައިވާ އިންވެސްޓްމަންޓް ފޯރަމްތަކުން ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގައި ގިނަ އަދަދެއްގެ ސިޔާސީ މަޤާމްތައް އުފައްދާފައިވާކަން ފާހަގަ ކުރައްވަމުން އިޔާދު ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި 60 މުވައްޒަފުން ތިބިއިރު ކޮންޓްރެކްޓަރުންގެ ގޮތުގައި 40 އަދި ސިޔާސީ މަޤާމަތްކުގެ ގޮތުގައި 24 މުވައްޒަފުން ހިމެނޭ ކަމަށެވެ.

އިޔާދުވެސް ވިދާޅުވީ އެމިނިސްޓްރީގައިވެސް ގޮތް ނޭނގޭ ގޮތައް ކަންކަން އެބަހުރިކަމަށާއި ސާފު މަންޒަރެއް އެނގިގެންދާނީ އައު ސަރުކާރުގެ މިނިސްޓަރު އެމަޤާމާ ހަވާލުވެ އެތަން ރަނގަޅަށް ބެލުމުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް