ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 17:43
ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު
ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު
ގޫގުލް
ރައްޔިތުންގެ މަޖިލިސް 2018
ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހޯދަން ބިޑަކާ ނުލައި 56 މިލިޔަން ޑޮލަރަށް ދީފައިވޭ!
އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހޮސްޕިޓަލެއް އިކުއިޕް ކުރަން 25 މިލިއަން ޑޮލަރުވެސް ނާރާނެ

ދަރުމަވަންތަ ހޮސްޕިޓަލަށް އިކުއިޕްމަންޓް ހޯދަން ތުރުކީވިލާތުގެ ކުންފުންޏަކަށް ބިޑަކާ ނުލައި 56 މިލިޔަން ޑޮލަރަށް ހަވާލުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު  ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް ހިންގާ އޭޑީކޭ ކުންފުނީގެ ވެރިޔާ ނާޝިދު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހޮސްޕިޓަލެއް އިކުއިޕް ކުރަން 25 މިލިޔަން ޑޮލަރުވެސް ނާރާނެ ކަން ކެރިހުރެ ދަންނަވަން ކެރިދާނެ ކަމަށެވެ.

ނާޝިދު ވިދާޅުވީ ދަރުމަންވަތަ ހޮސްޕިޓަލް އިކުއިޕް ކުރަން ރޭޑިއޭޝަން ތެރަޕީ ދޭން ލީނިއަރ އެކްސަލޭޓަރެއްވެސް ހިމަނާފައި ނެތް ކަމަށާއި، ރަނގަޅު ބިޑިންގ ޕްރޮސެސްއެއްގެ ތެރެއިން އެކަން ހިގާފައި ނެތް ކަމަށެވެ.

ނާޝިދު ވިދާޅުވީ ސަރުކާރުގެ ރިކަރަންޓް ހަރަދުކުޑަކުރުމުގެ ވާހަކަދައްކާއިރު، ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް 143 މިލިޔަން ޑޮލަރަށް ބަޔަކާއި ހަވާލުކޮށްގެން ހެދުމަކީ ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ.

މީގެ އިތުރުން ނާޝިދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަމުން އަންނަ ކުންފުނިން އެ އިމާރާތާއި ޖެހިގެން އޮތް ހުސްބަމުގައި 5 އިމާރާތް 240 މިލިޔަން ޑޮލަރަށް އިމާރާތްކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން 143 މިލިޔަން ޑޮލަރު ހޭދަކޮށްގެން ދަރުމަވަންތަ އެޅިގެން ދިއުމަކީ ފަހުރުވެރިވާންޖެހޭ ކަމެއް ނޫން ކަމަށް ނާޝިދު ވިދާޅުވިއެވެ.

"ޖެހިގެން އޮތްތަނުގައި އެމީހުން އެ އެޅި ކުންފުނިން ފަސް އިމާރާތް އަޅަން ބުނި ކަމަށް އެމީހުން އަމިއްލައަށް ބުނީ. ފަސް އިމާރާތަށް ތިމަންނަމެންގެ ބަޖެޓަކީ 240 މިލިޔަން ޑޮލަރު. ކެޕިޓަލް ހަރަދުކުޑަކުރާ ވާހަކަދައްކާތީވެ އަޅުގަނޑު މި ވާހަކަދައްކަނީ،" ނާޝިދު ވިދާޅުވިއެވެ.

ނާޝިދުގެ ވާހަކަތަކައް ރައްދު ދެއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ވަރަށް ބޮޑަށް ދިރާސާކޮށް، ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހުގައި ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް ކަމަށެވެ. ނަމަވެސް ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ވާނަމަ ބަލަންވީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ވޯލްޑް ބޭންކް އިން މަސައްކަތުގެ ސްޕީޑަށް ބަލާފައި މި ގޮތަށް އަގު ބޮޑުކޮށްވެސް ޕްރޮޖެކްޓްތަށް ހަވާލުކުރަމުންދޭ،" މުނައްވަރު ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް އެޅުމަށް ސަރުކާރުން ހަވާލު ކުރީ ސިންގަޕޫރުގެ ޝަންހުއާ ކޮންސްޓްރަކްޝަނާ 143 މިލިއަން ޑޮލަރަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް