ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 18:51
ސީއެޗްއެސްއީގެ ދަރިވަރުންތަކެއް
ސީއެޗްއެސްއީގެ ދަރިވަރުންތަކެއް
މުހައްމަދު ޝަރުހާން
ޑީޕީއީ
ޖެނުއަރީ މަހު ބާއްވާ އިމްތިހާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ މިމަހުގެ ފަހުކޮޅު ލިބޭނެ: ޑީޕީއީ
ލިޓްރޭޗަރ އަދި ޖިއޮގްރަފީގެ އިމްތިހާނުގައި ސީއެޗްއެސްއީގެ 10 ދަރިވަރުން ބައިވެރިވާނެ

އަންނަ ޖެނުއަރީ މަހު ސީއެއްޗްއެސްއީގެ އާޓްސް ސްޓްރީމަށް ކިޔަވާ ދަރިވަރުން ހަދާ އޭލެވެލް އިމްތިހާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ މިމަހުގެ ފަހުކޮޅު ލިބޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.

ޑީޕީއީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބު މިހެން ވިދާޅުވީ ސީއެޗްއެސްސީގެ 11 އަދި 12 ގެ ދަރިވަރުން އަންނަ ޖެނުއަރީގައި ހަދަންޖެހޭ އިމްތިހާނެއްކަމަށްވާ ލިޓަރޭޗަރ އަދި ޖިއޮގްރަފީގެ އިމްތިހާނަށް ވަންނަން ބޭނުންވާ ސްޓޭޓްމަންޓް އޮފް އެންޓްރީ ނުލިބޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަކީބް ވިދާޅުވީ އިމްތިހާނަށް ވަނުމަށް ބޭނުންކުރާ ސްޓޭޓްމަންޓް އޮފް އެންޓްރީ ލިބުމުގައި ބައެއްފަހަރު ލަސްތަކެއް އުޅޭ ކަމަށެވެ. އެހެން ނަމަވެސް މިމަހު ފަހުކޮޅު ސްޓޭޓްމަންޓް ލިބޭނެކަމަށް ވިދާޅުވިއެވެ.

"ސްޓޭޓްމަންޓް އޮފް އެންޓްރީ ދިނުން ލަސްވެގެން އުޅެނީ. ޕްރޮސެސްގައި އުޅެނީ. ބައެއްފަހަރު ލަސްވުންތަކެއް އާދޭ. ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ދޭނެ،" ޝަކީބު ވިދާޅުވިއެވެ.

އަންނަ ޖެނުއަރީގައި ލިޓްރޭޗަރ އަދި ޖިއޮގްރަފީގެ އިމްތިހާނުގައި ސީއެޗްއެސްއީގެ 10 ދަރިވަރުން ބައިވެރިވާނެއެވެ. އެ ދަރިވަރުންގެ ބެލެނެވެރިންގެ ކަންބޮޑުވުން ބޮޑުވެ ސީއެޗްއެސްސީގެ އިސްވެރިންނާއި އަދި ޑީޕީއޭގެ އިސްވެރިންނާއި ވެސް ވަނީ ބައްދަލުކޮށްފައެވެ.

ބެލެނެވެރިން ބުނީ ޖެނުއަރީގައި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ޖެނުއަރީމަހު އިމްތިހާނުގައި ބައިވެރި ނުވެވޭނެކަމަށް ސީއެޗްއެސްއީ އިން ބުނެފައިވާކަމަށެވެ. އެހެން ނަމަވެސް ސީއެޗްއެސްއީ އިން އެކަން ދޮގުކުރެއެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވީ އިމްތިހާނަށް ތައްޔާރުވުމަށް ލިޓްރޭޗަރ އަދި ޖިއޮގްރަފީ ކްލާސްތައް ނަގަމުން އަންނަކަމަށެވެ. އަދި ސްޓޭޓްމަންޓް އޮފް އެންޓްރީ ލިބުމުގައި ލަސްތަކެއް އުޅޭތީ ޑީޕީއީއާއި ވާހަކަދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކުދިންގެ ސިލަބަސް ނިންމާ އެކްސްޓްރާ ކްލާސްތައް މިހާރު މިނަގަނީ. ސްޓޭޓްމަންޓް ލިބުމުގައި ޑީޕީއޭ އާއި ވާހަކަދައްކައިގެން ކުރިއަށް މިދަނީ. އެ ޕޭރެންޓުންގެ ކަންބޮޑުވުން ހުންނާނެ ދެއްތޯ،" ސޮފޫރާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް