ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 11:54
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރާއްޖެ އެމްވީ
ބަޖެޓް 2019
ބަޖެޓް 2019: ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް 15 މިނެޓް!
ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް 15 މިނެޓް
ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް 7 މިނެޓް
ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކޮމެޓީން ދަނީ ކުރަމުން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު ދޭން ނިންމައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް، މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް އެޖެންޑާކޮށްފައިވާއިރު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދިނުމަށް އާއްމު ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އަދި ބަޖެޓް ދިރާސާކުރާ ކޮމެޓީން ބަޖެޓް ދިރާސާ ކުރުމަށް ފަހު، މަޖިލީހަށް ބަޖެޓް ރިޕޯޓް ހުށަހެޅުމުން ކޮންމެ މެމްބަރަކަށް ހަތް މިނެޓްގެ ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.

ބަޖެޓު ދިރާސާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި އިގްތިޞާދީ ކޮމެޓީ އެއްކޮށްލައިގެން ޖުމްލަ 22 މެމްބަރުންގެ މައްޗަށް އެކުލެވޭ ބަޖެޓް ދިރާސާކުރާ ކޮމެޓީންނެވެ.  

އެ ކޮމިޓީގެ މުގައްރިރަކަށް މަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިބްރާހީމް ޝަރީފު އައްޔަންކޮށްފައިވާ އިރު، ނައިބު މުގައްރިރަކަށް އައްޔަން ކޮށްފައިވަނީ ވިލިފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ރިޔާޒު ރަޝީދު އެވެ.

އަންނަ އަހަރަށް ލަފާކޮށް 29.6 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅާފައި ވަނީ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި 23 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު ހުށަހެޅުއްވި ބަޖެޓްގައިވާ ގޮތުން، 2019 ވަނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 23 ބިލިއަން ރުފިޔާއެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 16.5 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކުރެވޭ 5.6 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ އެއް ބިލިއަން ރުފިޔާއެވެ.

އެއީ ޓްރަސްޓް ފަންޑްތަކުން ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ ހިމަނައިގެން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ ޖުމްލަ އާމްދަނީ ކަމަށް ބަޖެޓް ފޮތުގައި ވެއެވެ.

މިހާރު ހިނގަމުންދާ 2018 ވަނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ އާއި 2019 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއާ އަޅާބަލާއިރު، އާމްދަނީ އާއި ހިލޭ އެހީ ޖުމްލަ ގޮތެއްގައި 8.1 އިންސައްތަ އިން އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެއީ ރާއްޖޭގެ އިގްތިސާދު 6.8 އިންސައްތައިގެ ކުރިއަރާނެ ކަމަށް ލަފާކުރެވޭތީ، ފަތުރުވެރިކަމުގެ ދާއިރާ އިން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭތީ، ޖުމްލަ އާމްދަނީގެ 34.2 އިންސައްތައަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ސީދާ ގޮތުން ލިބޭ އާމްދަނީ ކަމަށް ވެސް ބަޖެޓް ފޮތުގައި ވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި ހުށަހަޅާފައި ވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 

ބަޖެޓްގެ ޚަރަދުގެ ގޮތުގައި 26.7 ބިލިއަން ރުފިޔާ ހިމެނޭ އިރު، ލޯނު ދެއްކުމަށް 2.9 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. 

ހިނގަމުން މިދާ އަހަރަށް ފާސްކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް