ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 06:42
ސީލައިފް ގްރޯބަލް
ސީލައިފް ގްރޯބަލް
ފާތިމަތު ޝަނާ މުހައްމަދު
ސީލައިފް ގްލޯބަލް
ސީލައިފްއިން އޮޅުވާލައިގެން ފްލެޓް ވިއްކި 191 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި
މައްސަލަ ހުށަހެޅީ ހޯމަ ދުވަހު
މައްސަލަ ރަޖިސްޓްރީ ކުރިކަން އަންގާފައެއް ނުވޭ
މިއީ ރާއްޖެ ކޯޓަކަށް ފުރަތަމަ ފަހަރަށް ހުށަހެޅި އެންމެ ބޮޑު ކްލާސް އެކްޝަން ދައުވާ

ފްލެޓް ވިއްކާނެ ކަމަށް ބުނެ ސީލައިފް ގްލޯބަލް އިން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން އެ ފައިސާ ހޯދުމަށް 191 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިއީ ރާއްޖޭގެ ކޯޓަކަށް ފުރަތަމަ ފަހަރަށް ހުށަހެޅި އެންމެ ބޮޑު ކްލާސް- އެކްޝަން ދައުވާއެވެ. މައްސަލާގައި އިދާރީ ކަންކަމާއި ލިޔެކިޔުންތައް ގިނަވުމުގެ ސަބަބުން މައްސަލަ ރަޖިސްޓްރީވުމަށް ދުވަސް ކޮޅެއް ނާގައިފާނެކަމަށް އެކޯޓުން ބުނެއެވެ.

މި މައްސަލަ ހުށަހެޅުއްވި ގާނޫނީ ޓީމުގައި ހިމެނޭ ގާނޫނީ ވަކީލު މަރިޔަމް ޝޫނާނާ ވިދާޅުވީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މަކަރާއި ހީލަތުން އާންމު ގިނަ ރައްޔިތުންގެ އަތުން ފައިސާ ނަގާފައި ވާތީ ސީލައިފްގެ ޑިރެކްޓަރުންގެ އަތުން އެފައިސާ އަނބުރާ ހޯދުމަށެވެ. ފަރުދީ ހައިސިއްޔަތުން ޒިންމާދާރު ކުރުވުމާއި އެޗްޑީސީން މި ކަން ބަލަންވާވަރަށް ނުބެލުމާއި އެކުންފުންޏާ ފްލެޓް ހަވާލު ކުރުމަށް ދިން އިރު އެކުންފުންޏަކީ މިފަދަ މަސައްކަތެއް ކުރުމުގެ ފައިނޭންޝިއަލް ކެޕޭސިޓީ ހުރި ކުންފުންޏެއްތޯ ބަލާފައި ނެތުމާއި އާންމުންގެ އަތުން ފައިސާ ނެގުމަށް ހުއްދަދިން އިރު އެކަން މޮނީޓަރކޮށް ފަހުން އެކަށީގެންވާ ފިޔަވަޅު އެޅިފައިނުވާތީ، އެޗްޑީސީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް ދައުވާކޮށްފައިވެ އެވެ.

ޝުނާނާ ވިދާޅުވީ، ދައުވާކުރާ ފަރާތުގެ ވަކީލުންގެ ޓީމްއާއި އެޗްޑީސީގެ ސީނިއަރ މުވައްޒަފުން 25 އޮކްޓޮބަރުގައި ބައްދަލުކުރި ކަމަށާއި އެހެން ނަމަވެސް، އެޗްޑީސީގެ ކުންފުނީގެ އެއްވެސް ޑިރެކްޓަރަކު އެ ބައްދަލުވުމުގައި ބައިވެރިނުވިކަމަށެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ސީ ލައިފް އަށް ބުކިންގ ފީއަށް 50000ރ. ދައްކައި ޑައުން ޕޭމެންޓްގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކި މީހެއްގެ އިތުރަށް ބުކިންގ ފީއަށް 50000ރ. ދައްކައި ޑައުންޕޭމެންޓަށް ހަތަރު ލައްކަ ރުފިޔާ ދައްކާފައިވާ މީހެއްގެ މައްސަލަ އެވެ.

ސީލައިފް ގްލޯބަލް އަށް ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމަށް 2014 ވަނަ އަހަރުގެ މަރޗު މަހުގެ 13 ވަނަ ދުވަހު އެޗްޑީސީ އިން ހަވާލު ކޮށްފައިވެއެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އެޗްޑީސީން އެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސުގެ އުސޫލުން 3000 ހައުސިން ޔުނިޓް އެޅުމަށެވެ. ދިވެހިން ހިތްޖެހޭ ފަދަ މޮޑެލްއަކާ އެކު ބުކިން ފީއެއްގެ ގޮތުގައި 50000ރ. ދައްކާ ގޮތަށް ފްލެޓް ގަތުމަށް ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމް ނެގުމަށް ކިޔު ޖެހުނެވެ.

ސީލައިފްގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) މިހާރު ދިރިއުޅެމުން ދަނީ ރާއްޖޭން ބޭރުގަ އެވެ. މި ކުންފުނީގެ ބައެއް ޑިރެކްޓަރުންނަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ވަރަށް ގުޅުން ބޮޑު ބައެކެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް