ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 06:36
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލު
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލު
މުހައްމަދު ޝަރުހާން
ފަލަސުރުހީ
ކޮރަޕްޝަން ކުޑަ ކުުރުމަށް ދައުލަތުގެ ވެރިންގެ މާލީ ބަޔާން ހާމަކުރެވޭނެ އުސޫލެއް އެކުލަވާލަންޖެހޭ:ތޮލާލު
އެސެޓް ޑިކްލެރޭޝަންގެ ރަނގަޅު އުސޫލުތަކެއް ބޭނުންވޭ
އިންކަމް ޓެކްސްގެ ނިޒާމު އަންނަންޖެހޭ
ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ބޭނުންވޭ

ދައުލަތުގެ ވެރިންނާއި ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ހާމަކުރުމުގެ އުސޫލު ހަރުދަނާކުރަންޖެހޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ތޮލާލު ވިދާޅުވީ، ކޮރަޕްޝަނުގެ އަމަލުތައް ހިނގާ މިންވަރު ކުޑަ ކުރުމަށްޓަކައި ދައުލަތުގެ ތެރެއިން ގިނަ ކަންކަމަށް އިސްލާހު ގެންނަންޖެހޭ ކަމަށެވެ. އެގޮތުން މާލީ ބަޔާން ހުށަހެޅުމުގައި މިހާރަށް ވުރެ ރަނގަޅު އުސޫލެއް އެކުލަވާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންކަމް ޓެކްސްގެ ރަނގަޅު ނިޒާމެއްވެސް ގައުމަށް މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މާލީ ބަޔާން ހުށަހެޅުމުގެ އުސޫލު އޮންނަ ގޮތަށް ވުރެ މާ ފުޅާކޮށް ގާނޫނެއް އަންނަންޖެހޭ މާލީ ބަޔާން ހާމަކުރުމާ ގުޅޭ. ދައުލަތުގެ ހަމަ އެންމެ އިސް ފަރާތްތައް. ހަމައެކަނި މަޖިލީހެއްވެސް ނޫން. ނައިބު ރައީސްވެސް، މިނިވަން މުއައްސަސާތަކުގެ އިސްވެރިން ވެސް، ދައުލަތުގެ ކުންފުނިތަކުގެ އިސްކޮށް ތިބޭ ފަރާތްތަކުންވެސް މާލީ ބަޔާން ހާމަކުރަންޖެހޭ. ހުރިހާ ފަރާތްތަކެއްގެ ވެސް،" ތޮލާލް ވިދާޅުވިއެވެ.

މާލީ ބަޔާން ހާމަކުރެވިގެން ނޫނީ، މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ އަމަލުތައް ރައްޔިތުންނަށް ނޭންގޭނެކަން ފާހަގަ ކުރައްވާ ތޮލާލް ވިދާޅުވީ މިހާރު ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ބެލުމަށް މެނިފެސްޓޯގައި ހިމަނާފައިވާ އިރު، ރައްޔިތުންނަށް ވެފައިވާ މި ވައުދު ފުއްދަންޖެހޭ ކަމަށެވެ. އޭސީސީއަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް އެމްއެމްޕީއާރްސީގެ މައްސަލައިގައިވެސް އެކަށީގެންވާ ޖަވާބުތަކެއް އެ ކޮމިޝަނަށް ހާމަނުކުރެވޭ ކަމަށެވެ.

ކުންފުނިތަކުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ފުރިހަމައަށް ބެލި އެކަންކަން ދެން ނުވާނެ ފަދަ ގޮތަކަށް އުސޫލުތައް ބައްޓަން ކޮށް، ރައްޔިތުން ބަލައިގަންނަ ފަދަ ނަޒާހަތްތެރި ކުންފުނިތަކަށް ހެއްދިގެންދާނީ ކުރިން ހުރި މައްސަލަތައް ފުރިހަމައަށް ބެލިގެން ކަމަށް ތޮލާލު ވިދާޅުވިއެވެ.

"މިހާރު ކޮންމެ އަހަރެއްގެ މަޖިލީސް މެންބަރުން ވަކި މުއްދަތެއްގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ އިރު އެ މާލީ ބަޔާން ހާމަކުރަނީ މަދު މެންބަރުންތަކެއް. މާލީ ބަޔާން ހުށަހަޅާއިރު ފައިސާ ވަދެފައިވާ ގޮތައި ފައިސާއަށް ވީ ގޮތް ތަފްސީލުގޮތެއްގައި އެކަންކަން ހާމަކުރަންޖެހޭ.އަދި އާއިލާގެ މެންބަރުންގެ މާލީ ބަޔާންތައްވެސް ހުށަހެޅޭނެ އުސޫލެއް އެކުލަވާލަންޖެހޭ." ތޮލާލު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް