ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 08:36
ކަންދޮޅުދޫ ބަނދަރު
ކަންދޮޅުދޫ ބަނދަރު
ރާއްޖެއެމްވީ
ބަޖެޓް 2019
ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން 40 ޕަސެންޓް ލަފާފުރުމަށް!
ލަފާފުރުމުގެ 96 މަޝްރޫއުއެއް ކުރިއަށް ގެންދާނެ
ނަރުދަމާއަށް 1.3 ބިލިއަން ރުފިޔާ ހޭދަކުރާނެ
29.4 ޕަސެންޓަކީ އަލަށް ފަށާ މަޝްރޫއުތައް

އަންނަ  އަހަރުގެ ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާނީ ލަފާފުރުމުގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓްގައި ކަނޑައަޅައިފި އެވެ. 

ސަރުކާރުން ހިންގާ ޕަބްލިކް ސަރވިސް އިންވެސްޓްމެންޓް ޕްރޮގްރާމު (ޕީއެސްއައޕީ) މަޝްރޫއުތަކަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި 6.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 40 ޕަސެންޓް ހޭދަކުރުމަށް ހަމަޖެހިފައިވަނީ ލަފާފުރުމުގެ މަޝްރޫއުތަކަށެވެ. 

ލަފާފުރުމުގެ 96 މަޝްރޫއުއެއް އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ އިރު މިހުރިހާ މަޝްރޫއުތަކަށް ޖުމްލަ 2.7 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ފެނައި ނަރުދަމާގެ ނިޒާމަށެވެ. ފެނާއި ނަރުދަމާގެ 120 މަޝްރޫއު އަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ.

ޕީއެސްއައިޕީގެ ބަޖެޓުން ސިއްހީ އަދި އިޖުތިމާއީ ނިޒާމަށް 534.1 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވާ އިރު ބިން ހިއްކުމާއި މަގު ހެދުމަށްވެސް 593.5 މިލިއަން ރުފިޔާ ހޭދަކުރާނެއެވެ. ތިމާވެށީގެ މަޝްރޫއުތަކަށް 512.9 މިލިއަން ރުފިޔާ ހޭދަކުރާ އިރު ބޯހިޔާވަހިކަމަށް ހޭދަކުރަނީ 207.6މިލިއަން ރުފިޔާ އެވެ. 

ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަލާއިރު އާންމު ބަޖެޓުން ހޭދަކުރަނީ 2.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ ހިނގަމުންދާ 302 މަޝްރޫއު އާއި އަލަށްފަށާ 187 މަޝްރޫއުއެވެ. އޭގެ އިތުރުން ބޭރުގެ ލޯނުން 3 ބިލިއަން ރުފިޔާ ހޭދަކޮށްގެން 40 މަޝްރޫއު ހިންގުމަށް ވަނީ ނިންމާފައެވެ. އަދި  ހިލޭ އެހީގެ ދަށުން 47 މަޝްރޫއު އަކަށް 655.7 މިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޓްރަސްޓް ފަންޑުން ހަ މަޝްރޫއު އަކަށް 20.6 މިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ އަހަރަށް ލަފާ ކުރާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ބަޖެޓުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމެނޭ އިރު 2018 ވަނަ އަހަރަށް ޕީއެސްއައިޕީ މަޝްރޫއުތަކުގެ ގޮތުގައި 7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. 2017 ވަނަ އަހަރު ހޭދަކޮށްފައިވަނީ 5.8 ބިލިއަން ރުފިޔާއެވެ.

ޕީއެސްއައިޕީ މަޝްރޫއުގެ 71.1 ޕަސެންޓް ނިސްބަތްވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫއުތަކަށެވެ. ބާކީ 29.4 ޕަސެންޓަކީ އަންނަ އަހަރު އަލަށް ފެށުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް