ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 19:39
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މަޖިލިސް
ބަޖެޓް 2019
ޖުމްލަ ދަރަނި 48 ބިލިއަން ރުފިޔާ އަށް
ދަރަނި ބޮޑުވެފައިވަނީ ބޭރުގެ ދަރަނި ބޮޑުވުމުން
ބޭރުގެ ދަރަނި ހުރީ 21 ބިިލިއަން ރުފިޔާގައި
އެތެރޭގެ ދަރަނި ހުރީ 27 ބިލިއަން ރުފިޔާގައި

ބޭރުގެ ދަރަނީގެ އަދަދު ވަރަށް ބޮޑު ތަން އިތުރުވެ, ދައުލަތުގެ ޖުމުލަ ދަރަނި 48 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ. 

އަންގާރަ ދުވަހު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބުނެފައިވާ ގޮތުގައި ހިނގަމުން މިދާ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 48 ބިލިއަން ރުފިޔާއަށް އަރާނެއެވެ. މިއީ 2017 ވަނަ އަހަރާއަޅާ ބަލާއިރު ފަސް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 

ދައުލަތުގެ ދަރަނި ފަސް ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ އިރު އޭގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ އަކީ  ބޭރުގެ ދަރަންޏެވެ. ބޭރުގެ ދަރަންޏަކީ ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކާއި ބޭންކްތަކަށް ދައްކަންޖެހޭ ލޯނާއި ވިއްކާފައިވާ ބޮންޑަށް ދައްކަންޖެހޭ ފައިސާ އެވެ. ބޭރުގެ ދަރަނީގެ ތެރެއިން 67.7 ޕަސެންޓަކީ ލޯނެވެ. އަދި 32.4 ޕަސެންޓަކީ ބޮންޑަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ހުށަހަޅުއްވާނެ އެންމެ ފަހު ބަޖެޓްގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު ވިއްކާ ބޮންޑުންގެ އަދަދު 36.1 ޕަސެންޓަށް އިތުރުވެގެންދާނެ އެވެ. އެއާ އެކު ބޭރުގެ ދަރަނި އަނެއްކާ ވެސް އިތުރުވާނެ އެވެ.  2017 ވަނަ އަހަރު ބޭރުގެ ދަރަނި ހުރީ 16 ބިލިއަން ރުފިޔާގައެވެ.

ދައުލަތުގެ އެތެރޭގެ ދަރަނި 2017 ވަނަ އަހަރު 26 ބިލިއަން ރުފިޔާގައި ހުރި އިރު 2018 ވަނަ އަހަރު މި ދަރަނި ހުރީ 27 ބިލިއަން ރުފިޔާގައެވެ.

ދައުލަތުގެ ދަރަނި އިންތިހާ އަށް ބޮޑުވެފައިވާ އިރު މިއީ ދިވެހިންގެ އާބާދީގެ ނިސްބަތުން ބަލާކަމުގައިވާ ނަމަ ކޮންމެ ދިވެއްސެއްގެ ބޮލަކަށް 142،347ރ.ގެ ދަރަންޏެކެވެ. ރާއްޖޭގެ އާބާދީ އަކީ 341،256 އެވެ.

2018 ވަނަ އަހަރު ދައުލަތަށް ހިލޭ ލިބޭ ފައިސާގެ 100ރ. އިން 17ރ. ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރާ އިރު، 2019 ވަނަ އަހަރު ދައުލަތަށް ލިބޭ 100ރ. އިން ދަރަނި އަނބުރާ ދެއްކުމަށް 21ރ. ދައްކަން ޖެހޭނެއެވެ.

ދައުލަތުގެ ދަރަނި 2019 ވަނަ އަހަރު ނިމޭ އިރު 55 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާ އިރު އެއީ ރާއްޖޭގެ އުފެއްދުންތެރި ކަމުގެ ނިސްބަތުން ބަލާނަމަ 61 ޕަސެންޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް