ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 03:14
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ބައެއް މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ބައެއް މެމްބަރުން
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
ރައީސް ސޯލިހުގެ ފުރަތަމަ އަހަރުގެ ބަޖެޓަށް ބަހުސް ބުދަ ދުވަހު
އެޖެންޑާގައި ބަހުސް ކުރަން އޮތީ ހަމައެކަނި ބަޖެޓަށް
ބަޖެޓަށް ބަހުސަށް ޖަލްސާގެ ވަގުތު އިތުރު ކުރާނެ

އާ ސަރުކާރުގެ ފުރަތަމަ އަހަރު ތަންފީޒު ކުރުމަށް ހުށަހަޅާފައިވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރަން ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ބުދަ ދުވަހުގެ ހެނދުނު 9:00ގައި ފަށާ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރަން އެޖެންޑާކޮށްފައި ވަނީ ހަމައެކަނި އަންނަ އަހަރުގެ ބަޖެޓަށެވެ. އަންނަ އަހަރުގެ ބަޖެޓަކީ ގިނަ ދުވަސްތަކަކަށްފަހު، މަޖިލީހުގެ ހުރިހާ މެމްބަރުން ބަހުސް ކުރަން ލިބޭ ބަޖެޓެވެ. މަޖިލީހުގެ ޖަލްސާތައް މިދިޔަ އަހަރު އިދިކޮޅު މެމްބަރުން ބޮއިކޮޓް ކުރެއްވުމުން 2018 ވަނަ އަހަރުގެ ބެޖެޓަށް އިދިކޮޅު މެމްބަރުން ބަހުސް ކުރައްވާފައެއް ނުވެއެވެ.

ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމުގައި މަޖިލީހުގެ ދެ މަރުހަލާއެއް ކުރިއަށް ގެންދެއެވެ. އެއީ ބަޖެޓް ހުށަހެޅުމުން ކުރިއަށް ގެންދާ ބަހުސްގެ މަރުހަލާ އާއި ބަޖެޓް ދިރާސާކޮށް ނިންމައި، ކޮމެޓީން ތަޅުމަށް ހުށަހެޅުމުން ކުރިއަށް ގެންދާ ބަހުސްގެ މަރުހަލާއެވެ. ބަޖެޓަށް ބަހުސް ކުރުމަށް އާންމުކޮށް މެމްބަރުންނަށް ލިބޭ ވަގުތަށް ވުރެ އިތުރު ވަގުތު ދޭނެއެވެ.

އެހެންކަމުން ބުދަ ދުވަހު ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޖަލްސާގެ ވަގުތު އިތުރުކުރާނެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ޖުމްލަ އަދަދަކީ 29،647،415،773 (ނަވާވީސް ބިލިއަން ހަސަތޭކަ ސާޅީސް ހަތް މިލިއަން ހަތަރު ލައްކަ ފަނަރަހާސް ހަތްސަތޭކަ ހަތްދިހަ ތިން ރުފިޔާ) އެވެ.

ދައުލަތުގެ ދަރަނި އަދާކުރުމަށް އަންނަ އަހަރުގެ ބަޖެޓުން 2.9 ބިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 23 ބިލިއަން ރުފިޔާއެވެ. ދެހާސްނަވާރަ ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް ވާނީ 3.7 ބިލިއަން ރުފިޔާއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް