ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 03:10
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެ އެމްވީ
އަބުރުގެ ގާނޫނު
އަބުރުގެ ގާނޫނު އުވާލަން ކޮމެޓީން ފާސްކޮށްފި
ގާނޫނު އުވާލުމާމެދު މާދަމާ މަޖިލީހުން ގޮތް ނިންމާނެ
ގާނޫނު އުވާލަން ކޮމެޓީން ވަނީ އިއްތިފާގުވެފައި
އެ ގާނޫނަށް އަމަލު ކުރަމުންދާތާ، ދެ އަހަރާއި ތިން މަސް

އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ހުށަހެޅި ބިލު ފާސްކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

އެ ބިލު ބާތިލު ކުރަން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކުރީ އަންގާރަ ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ހަ މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބައްދަލުވުމަށް އެ ކޮމެޓީގެ ފަސް މެމްބަރަކު ވަޑައިނުގަންނަވައެވެ.

އަބުރުގެ ގާނޫނު ބާތިލު ކުރުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހެޅުއްވި ބިލު ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓުގައި ބުނެފައި ވަނީ އަބުރުގެ ގާނޫނަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަަސާސީ ބައެއް ހައްގުތަކާއި މިނިވަންކަން ނިގުޅައިގެންފައިވާ ގާނޫނެއް ކަމަށެވެ. އަދި އަބުރުގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ގާނޫނީ ގޮތުން ފުށުއެރުންތަކާއި މައްސަލަތައް ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ކޮމެޓީ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އެ ގާނޫނަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ އަމަލީ އިއުލާން ނުވަތަ ޔޫޑީއެޗްއާރް އާއި ސިޔާސީ ހައްގުތަކުގެ ބައިނަލް އަގުވާމީ އަހުދު ނުވަތަ އައިސީސީޕީއާރްގެ ދަށުން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހަމަތަކާއި މިނިވަންކަމާ އެކު ފިކުރު ކުރުމުގެ ހަމަތައް ނިގުޅައިގެންފައިވާ ގާނޫނެއް ކަމަށް ވެސް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށްފައިވާ ރިޕޯޓުގައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަނެ، މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބިދޭ ގޮތަށް އަބުރުގެ ގާނޫނު މަޖިލީހުން ފާސްކުރީ ދިވެހި ދައުލަތުގެ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ސަރުކާރުގެ އިސްވެރިންގެ ބައިވެރިވުން އޮތް މިންވަރު މީޑިއާއަށް ތިލަވެގެން އައި ދުވަސްވަރުއެވެ. ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ 47 މެމްބަރުންގެ ވޯޓާއެކު އެ ގާނޫނު މަޖިލީހުން ފާސްކުރީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެ ގާނޫނު ބާތިލު ކުރުމަށް ކޮމެޓީން ފާސްކުރި ރިޕޯޓު ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. އެހެންކަމުން އެ ގާނޫނު ބާތިލު ކުރުމާމެދު އަންގާރަ ދުވަހު މަޖިލީހުން ގޮތެއް ނިންމާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް