ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 20:37
ރައީސް މުޙައްމަދު ނަޝީދު ޖަލްސާއެއްގައި ތަގްރީރު ކުރައްވަނީ
ރައީސް މުޙައްމަދު ނަޝީދު ޖަލްސާއެއްގައި ތަގްރީރު ކުރައްވަނީ
ފޭސްބުކް
ރައީސް ނަޝީދުގެ މައްސަލަ
ރައީސް ނަޝީދުގެ މައްސަލަ ހޯމަ ދުވަހަށް ތާވަލްކޮށްފި
މައްސަލަ ބައްލަވާނީ ތިންފަނޑިޔާރުންގެ ބެންޗަކުން
ހުކުމް ރިވިއު ކުރަން ހުށަހެޅީ ދައުލަތުގެ ފަރާތުން
މައްސަލަ ނިމެންދެން ހުކުމް ތަންފީޒްކުރުން ފަސްކުރަންވަނީ އަމުރުކޮށްފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ ރިވިއުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ސުޕްރީމްކޯޓުގައި ތާވަލްކޮށްފިއެވެ.

ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅާފައިވާއިރު، ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އަލުން ބަލައި ނިމެންދެން، ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުންވަނީ އަމުރުކޮށްފައެވެ.

ނަޝީދުގެ މައްޗަށް 13 އަހަރުގެ ހުކުމެއް އިއްވާފައިވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި ކަމަށްބުނެ އުފުލާފައިވާ ދައުވާއެއް ސާބިތުވާ ކަމަށް ނިންމާފައެވެ.

އެ ހުކުމް ރިވިއު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން ބަލައިގެންފައިވާއިރު، ކުރިން ސުޕްރީމްކޯޓުން ވަނީ އެ ހުކުމަށް ތާޢީދުކޮށްފައެވެ.

އެ މައްސަލާގެ ޝަރީއަތް ހޯމަ ދުވަހުގެ ހެނދުނު ފަށަން ހަމަޖައްސާފައި ވާއިރު، އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ޖަލު ހުކުމުގެ މައްސަލަ ވެސް ރިވިއު ކުރަން ސުޕްރީމް ކޯޓުން ވަނީ ނިންމައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް