ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 21:07
އިބްރާހިމް އިސްމާއިލް ޓްރާންސިޝަން ކޮމެޓީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތައް ހޯދުމުގައި އިސްކޮން އުޅުއްވި
އިބްރާހިމް އިސްމާއިލް ޓްރާންސިޝަން ކޮމެޓީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތައް ހޯދުމުގައި އިސްކޮން އުޅުއްވި
މުހައްމަދު ޝަރުހާން
ޓްރާންސިޝަން ކޮމިޓީތައް
ތައުލީމީ ދާއިރާ ހިންގުމަށް މި އަހަރަށް އިތުރު ފައިސާ އަދި ބޭނުންވޭ: ޓްރާންސިޝަން ކޮމެޓީ
ފަންނުވެރިން މަދުވުމުން ދަތިތަކެއް އެބަހުރި

ތައުލީމީ ދާއިރާ ހިންގުމަށް މިއަހަރަށް ވެސް އެޑިއުކޭޝަން މިނިސްޓްރީ އަށް އިތުރު ފައިސާ ބޭނުންވާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ޓްރާންސިޝަން ކޮމެޓީން ބުނެފި އެވެ.  

ޓްރާންސިޝަން ކޮމެޓީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތައް ހޯދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް އިސްމާއިލް ވިދާޅުވީ މިއަހަރަށް ވެސް އެޑިއުކޭޝަން މިނިސްޓްރީ އަށް 350 މިލިއަން ރުފިޔާ މަދުވާ ކަމަށް ލަފާކުރެވިފައިވާ ކަމަށެވެ.    

"އަންނަ އަހަރު ސުކޫލްތައް ހިންގަން ފަށަންވާއިރު ރާއްޖޭގެ ސުކޫލްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ ފައިސާ ވެސް ބަޖެޓްގައި ނެތް ކަމަށް މި ފާހަގަ ކުރެވެނީ. މި ވާހަކަ މި ދަންނަވަނީ މިއީ މުހިންމު ކަންކަން މި ދަނޑިވަޅު މި ކަން ކަމަށް،" އިބްރާ ވިދާޅުވި އެވެ.  

އެޑިއުކޭޝަން މިނިސްޓްރީ ހިންގުމުގައި އަމަލުކޮށްފައި ވަނީ އޮނިގަނޑުގައި ލިޔެފައިވާ އެއްޗަކާ ތަފާތުކޮށެވެ. އެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ ހިންގުމުގައި އަނެއް މައްސަލަ އެއްގެ ގޮތުގައި އިބްރާހީމް އިސްމާއިލް ފާހަގަ ކުރެއްވީ ސިވިލް ސާވީސް މުވައްޒަފުން ބޭނުން ނުކޮށް ކޮންމެ ސެކްޝަނެއްގައި ވެސް ސިޔާސީ ބޭފުޅުން އިސްކޮން ތިއްބަވައިގެން ހިންގުމެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި އެކަށީގެންވާ ވަސީލަތްތަކާއި ފަންނީ މުވައްޒަފުން ނެތުމުގެ ސަބަބުން މަތީ ތައުލީމަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ. މީގެ އިތުރުން ޓެބްލެޓްތައް ދިނުމާ ގުޅޭ ގޮތުން އިބްރާ ވިދާޅުވީ 71 ހާސް ޓެބްލެޓަށް ފައިސާ ސަރުކާރުން ދިން ނަމަވެސް މިނިސްޓްރީ އަށް މިހާތަނަށް ލިބިފައި ވަނީ 21 ހާސް ޓެބްލެޓް ކަމަށެވެ.  

"ކޮންޓްރެކްޓަރުގެ މުއްދަތު ނިމިއްޖެ އެ ފައިސާ ދީ ހުރީ ނިމިފައި، ޓެބްލެޓްތަކަށްވީ ގޮތެއް ނޭނގެ،" އިބްރާ ވިދާޅުވި އެވެ.

މި ކޮމެޓީގައި ހިމެނޭ ކުރީގެ އެޑިކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ތައުލީމީ ދާއިރާގައި އެކަމުގެ ފަންނުވެރި މުވައްޒަފުން އެކަށީގެންވާ ވަރަށް ނެތް މައްސަލަ ވެސް ފާހަގަ ކުރެއްވުނު ކަމަށެވެ. އަދި އަންނަ އަހަރު ކީ ސްޓޭޖު4 ތައާރަފުކުރަން ހަމަ ޖެހިފައިވާއިރު އެކަމަށް މިނިސްޓްރީން ތައްޔާރުވެފައި ނެތްކަން ވަނީ ފާހަގަ ކުރައްވާފައި ކަމަށެވެ.

މީގެ އިތުރުން ވެސް 32 ސްކޫލެއްގައި ޕްރިންސިޕަލުން ނެތްކަން ޓްރާންސިޝަން ކޮމެޓީން ހޯދި މައުލޫމާތުން ފާހަގަ ކުރެއްވުނު ކަމަށް މުސްތަފާ ވިދާޅުވި އެވެ.      

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް