ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 19:18
ރައީސް ނަޝީދު މާލެ ވަޑައިގަންނަވަނީ
ރައީސް ނަޝީދު މާލެ ވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު އުކުޅަހަށް ވަޑައިގަތުން
ރައީސް ނަޝީދު އއ އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
އުކުޅަހުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި
އުކުޅަހު ކައުންސިލާއި ގެސްޓް ހައުސްތަކުގެ ވެރިންނާ ވަނީ ބައްދަލު ކުރައްވާފައި
މިއީ އެމަނިކުފާނު މިނިވަންވި ފަހުން ދަތުރު ކުރެއްވި ތިންވަނަ ރަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޯމަ ދުވަހު އއ އުކުޅަހަށް ފެއްޓެވި ދަތުރުފުޅު ނިންމާވާ ލައްވާ އަންގާރަ ދުވަހުގެރޭ މާލެ ވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެކަމަށްޓަކައި އެރަށު ބަނދަރު ސަރަހައްދު ވަރަށް ބޮޑަށް ރީނދޫ ކުލައިން ޒީނަތްތެރި ކޮށްފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

ރަށުގެ ރައްޔިތުންނާ އަދި ޚާއްޞަކޮށް ރައީސް ނަޝީދުގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވާ އެމަނިކުފާނު ވާހަކަ ދައްކަވާފައިވާއިރު އެމަނިކުފާނުގެ ޝަރަފްގައި ހޯމަ ދުވަހުގެރޭ ވަނީ ބޮޑުބެރު ޝޯވއެއް ބާއްވާފައެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ވަނީ އުކުޅަހު ކައުންސިލާއި އެރަށުގެ ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކާ ބައްދަލު ކުރައްވާފައެވެ. އަދި ގެސްޓް ހައުސްއެއް ހުޅުވައިދެއްވުމުގެ އިތުރުން އެރަށުގެ ގެސްޓް ހައުސްތަކަށް ޒިޔާރަތް ކުރައްވާ އެތަންތަން ވަނީ ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ބައެއް ޢާއްމު ގޭގެއަށް ވަޑައިގެން އެގޭގޭގެ މީހުންނާވެސް ރައީސް ނަޝީދު ވަނީ ބައްދަލު ކުރައްވާފައެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް އާކުރެއްވުމަށް އުކުޅަހު ކައުންސިލް އިދާރާއަށް ހުށަހަޅުއްވާފައެވެ. އަދި އެކަމަށް ބޭނުންވާ ފޮޓޯވެސް ނެންގެވީ އެއިދާރާގައެވެ. މިއީ ކައުންސިލްތައް ބާރުވެރިކުރުވުމުގެ ގޮތުން އެމަނިކުފާނު ކުރެއްވި ކަމެކެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެމްޑީޕީގެ އިސްސަފުގައި ހިމެނޭ ބައެއް ބޭފުޅުންނެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީއާއި އެމްޑީޕީގެ ބައެއް އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ރައީސް ނަޝީދުގެ ހުކުމް ތަންފީޒް ކުރުން މަޑުޖައްސާލިފަހުން ވަޑައިގެންނެވި އަތޮޅުތެރޭގެ ތިންވަނަ ރަށެވެ. މީގެ ކުރިން ވަނީ އައްޑޫ ސިޓީއަށާއި ހއ ދިއްދޫއަށް ވަޑައިގަންނަވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް