ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 14:43
ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ
ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ބިދޭސީންނަށް ބިން މިލްކުކުރެވޭ އުސޫލު ބާތިލްކުރަން ހުށައަޅައިފި
އިސްލާހު ހުށައެޅުއްވީ ރިފާއު  
ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ފާސްކުރުމަށް ވެސް ރިފާއު ވޯޓު ދެއްވި

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ބިން ހިއްކައިގެން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލް ކުރަން ހުށައަޅައިފިއެވެ.

އެ އިސްލާހު ހުށައެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

ރިފާއު ވިދާޅުވެފައި ވަނީ ދިވެހި ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާ، ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގެނެވުނު އިސްލާހު ބާތިލު ކުރުމަށް މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ. ރިފާއު ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލް ކުރަން ފާސްކުރުމަށް އެދިލައްވާ ކަމަށެވެ. 

ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ފްރީހޯލްޑް އުސޫލުން ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމުގައެއް ނުބެލެވޭނެ ކަމަށެވެ. އެ އިސްލާހު ފާސްކޮށްފައިވަނީ 2015 އަހަރުގެ ޖުލައި މަހުގެ 22ގައެވެ.

އިސްލާހު ފާސްކުރުމަށް 70 މެމްބަރުން ވޯޓު ދެއްވި އިރު އޭގެ ތެރޭގައި ރިފާއު ވެސް ހިމެނި ވަޑައިގަންނަވައެވެ. އަދި ސަރުކާރުގެ ކޯލިޝަންގެ މެންބަރުންގެ އިތުރުން އެމްޑީޕީ އާއި ޖެޕީގެ ބައެއް މެންބަރުން ވެސް އެ އިސްލާހަށް ވޯޓު ދެއްވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް