ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 14:26
މުޒާހަރާއެއް ކަވަރުކުރުމުގައި މީޑިއާތައް ހަރަކާތްތެރިވަނީ
މުޒާހަރާއެއް ކަވަރުކުރުމުގައި މީޑިއާތައް ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
މީޑިއާ ކޮމިޝަނުގެ ބިލް މަޖިލީހުން ބޭރު ކޮށްލައިފި
މި ބިލްގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު
އިއްޔެގެ ޖަލްސާގައި އެ ބިލަށް ބަހުސް ކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮންނަތާ އަހަރެއް ފަހުން، މީޑިއާ ކޮމިޝަންގެ ބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހު ޖަލްސާގައި މީޑިއާ ކޮމިޝަންގެ ބިލް، މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލާފައި ވަނީ 38 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެބިލް މަޖިލީހަށް ބަލައިގަންނަށް ފެންނަ ކަމަށް 28 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ދެ މެމްބަރަކު ތިއްބެވިއެވެ. 

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ މޯލްޑިވްސް މީޑިއާ ކޮމިޝަނުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މިބިލުގެ މަގްސަދަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަން އުވާލުމަށް ފަހު، މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ނަމުގައި އާ ކޮމިޝަނެއް އުފެއްދުމަށް ހުށަހެޅި ބިލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މީޑިއާ ކައުންސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަނަކީ މީޑިއާތައް ރެގިއުލޭޓް ކުރުމާއި މޮނީޓަރކުރުމަށް އުފައްދާފައިވާ މިނިވަން ދެ މުއައްސަސާ ކަމަށް ވިޔަސް އެ ދެ މުއައްސަސާގެ މެންޓްގައި އެއްގޮތް ކަންތައްތަކެއް ހުރުމުން ފުށުއަރާ ގޮތް ވަމުންދާ ކަމަށެވެ. އެހެން ކަމުން އެ ދެ މުއައްސަސާ، އެއް މުއައްސަސާއެއްގެ ގޮތުގައި އެއްކޮށްލުމަށް ބައެއް މެމްބަރުން ހިޔާލުފާޅުކުރައްވާފައި ވެއެވެ. 

އެގޮތުން ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބަދަލުގައި އެހެން މުއައްސަސާއެއް އުފެއްދުމަށް ވަރަށް އަވަހަށް ބިލެއް ހުށަހަޅުއްވާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވައިފައެވެ. 

އެ ދުވަސްވަރު މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ވެސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން ދެ މުއައްސަސާއެއްގެ ގޮތުގައި އޮތުމުގެ ބޭނުމެއް ނެތް ކަމަށް މެމްބަރުން ބަހުސް ކުރައްވާފައި ވެއެވެ. އަދި ދައުލަތުގެ ބަޖެޓްގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ވެސް މީޑިއާތައް ރެގިއުލޭޓްކޮށް މޮނީޓަރ ކުރުމަށް އެއް މުއައްސަސާ ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް މެމްބަރުން ވަނީ ބަހުސް ކުރައްވާފައި ވެއެވެ.

މީޑިއާ ކައުންސިލުން ވަނީ އެ ކައުންސިލަށް އެކަށީގެންވާ ބަޖެޓެއް ނެތުމުން އެކަށީގެންވާ ގޮތެއްގައި އެކޮމިޝަނުގެ ޒިންމާ އަދާކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ބުނެފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މިނިވަންމަކާއި މުސްތަގިއްލުކަމާމެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް