ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 14:00
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ ފްލެޓްތައް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ ފްލެޓްތައް
ޓްވިޓަރ
ބަޖެޓް 2019
ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!
ސަޕްލިމެންޓަރީ ބަޖެޓަށް ހުށަހެޅުމަށް ވިސްނަމުންދަނީ
ރަށްރަށުގައި ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫއުއަށް 321 މިލިއަން ރުފިޔާ
ބަޖެޓްކޮށްފައި ނެތް ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އާ ސަރުކާރުގެ ވައުދެއް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކަ ހިމަނާފައިނުވާނެ ކަމަށާއި ސަޕްލިމެންޓަރީ ބަޖެޓަށް ހުށަހެޅުމަށް ވިސްނަމުންދާ ކަމަށް އެމްޑީޕީގެ އިގުތިސާދީ ކޮމެޓީގެ ނާއިބު މުގައްރިރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކުގެ ތެރޭގައި ބަޖެޓްގައި މިވަގުތު ހިމަނާފައިވާނީ 321 މިލިއަން ރުފިޔާ ކަމަށެވެ.  އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަ ހައުސިން މަޝްރޫއަށް 102 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ދައުރުގައި އިއުލާންކޮށް މަސައްކަތް ފަށާފައިވާ އެ މަޝްރޫއުތައް ހުއްޓިފައި ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ. މި ފްލެޓްތަކުގެ ބޮޑު ބައެއް ވަނީ ނިމިފައެވެ.  

މީގެ އިތުރުން ލ. ގަމުގައި 200 ހައުސިން ޔުނިޓްގެ މަޝްރޫއަށް 35 މިލިއަން ރުފިޔާ އާއި ޅ. ނައިފަރު އަދި ބ. ތުޅާދޫގައި ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓްގެ މަޝްރޫއަށް 35 މިލިއަން ރުފިޔާގެ އިތުރުން މ. ކޮޅުފުށީގައި 150 ހައުސިން ޔުނިޓްގެ މަޝްރޫއަށް 26 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައި ވެއެވެ. 

އަމީރު ވިދާޅުވީ މާލެ ސަރަހައްދުގައި އަލަށް ހަދާ ފްލެޓްގެ މަޝްރޫއު ބަޖެޓްގައި ހިމަނާފައި ނުވަނީ ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދާ ފްލެޓް މަޝްރޫއުގެ މަސައްކަތް ނިންމުމަށް އަލަށް އަންނަ ސަރުކާރުން ފުރަތަމަ އިސްކަމެއް ދެއްވާނެތީ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން 7،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިއީ ގާތްގަނޑަކަށް 240 މިލިއަން ޑޮލަރުގެ މަޝްރޫއަކަށްވާ އިރު މި ތަންތަނުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް ނުވަތަ މޭ މަހުގެ ތެރޭގައި ނިމި މީހުންނަށް ވަދެވޭނެ ކަމަށް މި ސަރުކަރުން ވަނީ ބުނެފައެވެ. މި ފްލެޓްތައް ލިބޭ ފަރާތްތައް މިހާރު ވަނީ ކަނޑައަޅާފައެވެ. 

މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުން ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގިނަ މަޝްރޫއުތަކެއް ވަނީ ފަށާފައެވެ. އަދި "ހިޔާ" މަޝްރޫއުގެ ތެރެއިން ގިނަ ކުންފުނިތަކަކުން ވަނީ ހައުސިން މަޝްރޫއުތައް އިއުލާނުކޮށްފައެވެ. އަމީރު ވިދާޅުވީ އެ މަޝްރޫއުތަކާ ގުޅޭ ބަޖެޓް ހިމެނިފައި ވަނީ އެ ކުންފުނިތަކުގެ ތެރެއިން ކަމަށެވެ. 

މާލޭ ސަރަހައްދުގައި އިތުރު ހައުސިން ޔުނިޓްތަކެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިފައި ނުވި ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. 

އަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓްގެ ތެރެއިން އަލަށް އަންނަ ސަރުކާރުގެ ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބަޖެޓް ކުރެވި އިއުލާންކުރެވޭނެ ކަމަށެވެ. 

މީގެ އިތުރުން ފެނުގެ ނިޒާމް ތަރައްޤީ ކުރުމުގެ 36 މަޝްރޫއަށް 150 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މަލްޓި ސްޓޯރީ ޕާކިން 3 އިމާރާތް ހެދުމަށް 63 މިލިއަން ރުފިޔާގެ އިތުރުން، މާލެ ރީޑިވެލޮޕްމަންޓް އަދި އާޓީފިޝަލް ބީޗް ސަރަހައްދު ތަރައްޤީ ކުރުމަށް 42 މިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް