ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 13:14
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ސުޕްރީމް ކޯޓުގެ ސަރަހައްދުގައި
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ސުޕްރީމް ކޯޓުގެ ސަރަހައްދުގައި
ޙުސައިން ޙަސަން
އެންޓި ޑިފެކްޝަން ގާނޫނު
އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކޮށްފި
އެންޓި ޑިފެކްޝަން ގާނޫނު މިއަދުން ފެށިގެން ބާތިލް

ޕާޓީ ބަދަލުކުރުމާއި ޕާޓީން ވަކިކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް އަންގާރަ ދުވަހު ރައީސް ޔާމީން ތަސްދީގު ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ކަމަށެވެ. 

އެހެންކަމުން އެންޓި ޑިފެކްޝަން ގާނޫނު މިއަދު ފެށިގެން ބާތިލްވީއެވެ. 

އެންޓި ޑިފެކްޝަން ގާނޫނު ބާތިލްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 37 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ބާތިލް ކުރަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓް ދެއްވިއިރު، ވަކި ގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ފަސް މެމްބަރުން ތިއްބެވިއެވެ.

އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދުއެވެ.

ސަރުކާރުގެ ފަރާތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކުރީ 39 މެމްބަރު ހާޒިރުވި ޖަލްސާއެއްގައި 36 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. 

އެންޓި ޑިފެކްޝަން ގާނޫނަކީ ބާތިލް ގާނޫނެއް ކަމަށް ކަނޑައެޅުމަށް ސުރީމް ކޯޓަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހެޅި ސުޕްރީމް ކޯޓުން ނިންމީ އެއީ ސައްހަ ގާނޫނެއް ކަމަށެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނަކީ ރައްޔިތުން ސީދާ އަމަލުކުރަން ލާޒިމު ގާނޫނެއް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ އެ ގާނޫނު ފާސްކުރަން ޖެހޭނީ މަޖިލީހުގެ ޖުލްމަ އަގުލަބިއްޔަތުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބޭ، ޖަލްސާއެއްގައި ކަމަށެވެ. ނަމަވެސް މަޖިލީހުން އެ ބިލު ފާސްކުރީ 39 މެމްބަރުން ހާޒިރުވެވަޑައިގެންނެވި ޖަލްސާއެއްގައި ކަމަށާއި އެ އަދަދަކީ އެ ގާނޫނު ފާސްކުރެވޭނެ ގާނޫނީ އަދަދެއް ނޫން ކަމަށެވެ. ގާނޫނުއަސާސީއާ ހަވާލާދީ ހުކުމްގައި ބުނެފައި ވަނީ އެ ބިލު މަޖިލީހުން ފާސްކުރަން ޖެހޭނީ 43 މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމަށެވެ.

ނަމަވެސް އެ ބިލު މަޖިލީހުން ފާސްކުރީ "ޑޮކްޓަރިން އޮފް ނެސަސިޓީ" ނުވަތަ "ހާލަތުލް ޟަރޫރާ"ގެ ދަށުން، ކަމަށް ދައުލަތުން ޝަރީއަތުގައި ފާހަގަކޮށްފައި ވާތީ، ފަނޑިޔާރުން ވަނީ އެއީ އަމަލު ކުރެވިދާނެ ހާލަތެއް ކަމަށް ކަނޑައަޅާފައެވެ. ފަނޑިޔާރުން ފާހަގަ ކުރެއްވި ގޮތުގައި ހާލަތުލް ޟަރޫރާއަކީ އިޔާދަ ނުކުރެވޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، އަމަލު ކުރެވިދާނެ ގޮތެއް ކަމަށެވެ. އެ ހާލަތުގެ ދަށުން އަމަލު ކުރުމަކީ ގުރުއާނާއި އިސްލާމީ ޝަރިއްޔާ އާއި ކީރިތި ރަސޫލާގެ ސުންނަތުންނާއި އިލްމުވެރިންގެ އިޖުމާއަތުން ސާބިތުވާ ކަމެއް ކަމަށް ފަނޑިޔާރުން ކުރެއްވި ހުކުމްގައި ވެއެވެ.

ފްލޯ ކްރޮސިންގއާ ބެހޭ ވާހަކަ ނުވަތަ އެންޓި ޑިފެކްޝަން ގާނޫނެއްގެ ވާހަކަ ދެކެވެން ފެށީ، މަޖިލީހުގެ ސާފު މެޖޯރިޓީ ސަރުކާރަށް ގެއްލެމުންދާތީ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ. 

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެެއް އެ ޕާޓީ ދޫކޮށް ދިއުން ހުއްޓުވުމަށް، އެންޓި ޑިފެކްޝަންގެ ގާނޫނު މަޖިލީހަށް ހުށަހެޅީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެ ބިލު މަޖިލީހުން ފާސްކުރީ ޕީޕީއެމްގެ 36 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ރައީސް އަބްދުﷲ ޔާމީން އެ ބިލު ތަސްދީގު ކުރައްވާފައި ވަނީ މާޗު މަހުގެ 14 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް