ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 13:17
ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ބްރިޖް މަޝްރޫއު
ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ބްރިޖް މަޝްރޫއު
އަޝްވާ ފަހީމް
ބަޖެޓް 2019
ވޭތުވެދިޔަ ފަސް އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި 41 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވޭ!
25 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ ޕީއެސްޕީއައިގެ މަޝްރޫއުތަކަށް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ވޭތުވެދިޔަ 5 އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި 41 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ކެޕިޓަލް ހަރަދުގެ ގޮތުގައި 41 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 25 ބިލިޔަން ރުފިޔާ ހޭދަކުރެވިފައި ވާނީ ޕީއެސްޕީއައިގެ މަޝްރޫއުތަކަށް ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ރިޔާސީ ދައުރެއްގެ ތެރޭގައި އުމްރާނީ ތަރައްގީއަށް މި ވަރުގެ ބޮޑު ހަރަދެއް ކުރެވުނު ފުރަތަމަ ފަހަރު ކަމަށާއި، މިއަދު ދިވެހިންނަށް އޭގެ މަންފާ މެދުކެޑުމެއް ނެތި ލިބެމުންދާ އުމްރާނީ ތަރައްގީއަކީ އެއީ ކަމަށް ވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. 

ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ ޕްރޮޑަކްޝަންގެ ޕޮސިބިލިޓީ ފްރަންޓް ނުވަތަ އިގްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށް މި ވަގުތު ކުރަންޖެހޭ މުހިންމު އިންވެސްޓްމަންޓްތަކެއް ކުރެވިގެން ދިޔަ ފަސް އަހަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ގޮތުން ފާއިތުވެދިޔަ އަހަރުތަކުގައި މި ދެންނެވި ލަނޑުދަނޑިތައް ހާސިލްކުރުމަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 79 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ރަސްމީ ރިޒާވް މީގެ ފަސް އަހަރު ކުރިން 368 މިލިޔަން ޑޮލަރުގައި ހުރިއިރު މި އަހަރުގެ ނިޔަލަށް 674 މިލިޔަން ޑޮލަރުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ރައްޔިތުންގެ ހަޒާނާ މި ވަނީ ގާތްގަނޑަކަށް ދެ ގުނަ ބޮޑުވެފައި ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ރިއަލްއެސްޓޭޓްގެ ދާއިރާއިން މި ވަގުތު ރާއްޖޭގެ އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ އަނެއް ދާއިރާއަކީ އިމާރާތްކުރުމުގެ ދާއިރާ ކަމަށާއި، މީގެ އެންމެ ބޮޑު އެއް ސަބަބަކީ ވޭތުވެދިޔަ 5 އަހަރު އިގްތިސާދުގެ ދުޅަހެޔޮ ކަމާއި ސަރުކާރުން އުމްރާނީ ތަރައްގީ ކުރަމުން އަންނަ ބޮޑު ހޭދަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތް އެމްއެމްއޭގެ މިނިވަން ރިޒާވް ރިކުއަރމަންޓް ނުވަތަ ބޭންކްތަކުން އެމްއެމްއޭގައި ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަންޖެހޭ ފާއިސާގެ މިންވަރު ވަނީ ދަށްކުރެވިފައި ކަމަށެވެ. އޭގެ ސަބަބުން ބޭންކްތަކުން ޕްރައިވެޓް ސެކްޓަރަށް ހާއްސަކޮށް އިމާރާތްކުރުމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ އަދަދު މި އަހަރުގެ ސެޕްޓެމްބަރުމަހާ ހަމައަށް 23.8 އިން ސައްތަ އިތުރުވެފައިވާ ކަމަށެވެ. އޭގެ ފާއިދާ އެ ސިނާއަތަށާއި މުޅި އިގްތިސާދަށް ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

"ދިވެހި ދައުލަތުގެ ފިސްކަލް ހިސާބުތަކަށް ބަލާއިރު 2017 ވަނަ އަހަރު ޖުމްލަ އާމްދަނީ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 20.3 ބިލިޔަން ރުފިޔާ. އަދި 22.5 ބިލިޔަން ރުފިޔާ ހަރަދުކުރެވިފައިވޭ އެހެންކަމުން 2017 ވަނަ އަހަރު ދައުލަތުގެ ބަޖެޓް ވަނީ 2.2 ބިލިޔަން ރުފިޔާއިން ޑެފިސިޓް ވެފައި. މިއީ ޖީޑީޕީގެ ނިސްބަތުން 3 އިންސައްތަ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައިވެސް ދައުލަތުގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 3.5 އިން ސައްތަ އަށް ވުރެ ކުޑަކުރެވުނު ދެވަނަ އަހަރުކަން ފާހަގަކޮށްލަން،" މިނިސްޓަރ ވިދާޅުވިއެވެ

މި ހިނގާ ފަސް އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް 25 ބިލިޔަން ރުފިޔާ ހަރަދުކުރެވިފައިވާއިރު ކޮންމެ އަތޮޅަކަށް އެވްރެޖްކޮށް 14 މަޝްރޫއު ހިންގާފައިވާކަން ފާހަގަކުރެވޭ ކަމަށާއި، ދައުލަތުން ހަރަދުކޮށްފައިވާ މަޝްރޫއުތަކަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ދައުލަތުގެ އާމްދަނީ އިތުރުކޮށް ދަރަނި އަދާކުރުމުގެ ގާބިލްކަން އިތުރުކޮށްދޭނެ މަޝްރޫއުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފަސް އަހަރުގެ ތެރޭގައި އެންމެ ފާގަހަކޮށްލެވުނު އެއް މަޝްރޫއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަޝްރޫއު ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް