ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 16:54
ރައްޔިތުންގެ މަޖްލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ރައްޔިތުންގެ މަޖްލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ރާއްޖެ އެމްވީ
އީވާ އަބްދުﷲ
ޚިޔާލު ފާޅުކުރާ މީހާ އާއި ނޫސްވެރިޔާ ޖަލަކަށް ނުލާނަމޭ ހަމައެކަނި ބުނެލައިގެނެއް ނުފުދޭނެ: އީވާ
ނިޒާމްގެ ތެރެއިން ނޫސްވެރިކަން ހިމާޔަތް ކުރަންޖެހޭ ކަމަށް ވިދާޅުވި
ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ޕްރޮމޯޓް ކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި
ދެބަސްވާ ފަރާތްތަކުގެ ވިސްނުންވެސް ހިމާޔަތްކުރަންޖެހޭ ކަމަށް ވިދާޅުވި

ޚިޔާލުފާޅުކުރާ މީހާ އާއި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭ ނޫސްވެރިޔާ ޖަލަކަށް ނުލާނަމޭ ބުނުމަކުން ނުފުދޭ ކަމަށާއި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ނިޒާމުގެ ތެރެއިން ހިމާޔަތް ކޮށްދޭން ޖެހޭ ކަންތައްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ "އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އުވާލުމަށް ހުށަހެޅިފައިވާ ބިލުގެ ބަހުސް މަރުޙަލާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ހަމަ އެކަނި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިލު އުވާލުމަކުން ނުފުދޭ ކަމަށެވެ.

އީވާ ވިދާޅުވީ ޚިޔާލުފާޅު ކުރުމަކީ ޖިނާޢީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ގާނޫނު އުވާލުމުގެ އިތުރުން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ވިސްނުންތެރިކަމާ އެކު ހިމާޔަތް ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މިހެން ތިބެފާ، ޚިޔާލުފާޅުކުރާ މީހާ ނުވަތަ އަބުރާ ބެހޭ މީހާ ޖަލަކަށް ނުލާނަމޭ ނުވަތަ އޭނައަށް ބޮޑު ސިންގާހާ ފައިންތަކެއް ނާންނާނެ އޭ، އެހެން ބުނެގެނެއް ނުފުދޭ، ޚިޔާލުފާޅު ކުރަން ބޭނުންވާ މީހާއަށް މިނިވަންކަމާއެކު ޚިޔާލުފާޅު ކުރެވޭނެ ހުރިހާ ގޮތެއް ހަދައިދިނުމަކީ ވެސް އަޅުގަނޑުމެންގެ ޒިންމާ، ނިޒާމުގެ ތެރެއިން އެ މިނިވަންކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާ" އީވާ ވިދާޅުވިއެވެ.

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ނޫސްވެރިކަމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާތަކުން މަސައްކަތްކުރީ ސަރުކާރުގެ ވެރިން ދިފާއުކޮށްދޭ ބައެއްގެ ގޮތުގައި ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި އެ މުއްސަސާތައް ފެނުނީ ސަރުކާރު ހިމާޔަތްކުރާ ލޮބީ ގްރޫޕްތަކެއްގެ ގޮތުގައެވެ. އޭގެ ބަދަލުގައި ބްރޮޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމުގެ މަސައްކަތްތައް ޕްރޮމޯޓް ކޮށްދޭން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮންމެފަދަ ވަގުތެއްގައި ވެސް ގެއްލިގެން ހިނގައިދާނެ އެއްޗެއްކަން ވެސް ވިސްނެންޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި ނޫސްވެރިކަން "ފުޑިގެން" ދިޔަތަން ވެސް ފެނިއްޖެ ކަމަށް އީވާ ވިދާޅުވިއެވެ.

"ޚިޔާލްފާޅު ކުރާ މީހާ ރައީސް ޔާމީންގެ އަބުރަށް އަރައިގަތީއޭ ކިޔާފައި ގެންގޮސް ޖަލަށްލާތަން އަޅުގަނޑުމެނަށް ފެނިއްޖެ، ބްރޮޑްކާސްޓަރުންނަށް މަސައްކަތް ނުކުރެވޭ ހިސާބަށް އެމީހުން ޖޫރިމަނާ ކުރަމުން ދިޔަތަން އަޅުގަނޑުމެނަށް ފެނިއްޖެ، އަޅުގަނޑުމެން ހިމާޔަތް ކޮށްދޭން ޖެހޭނީކީ އެއް އަޅުގަނޑުމެންނާއި އެއް ޚިޔާލެއް ގެންގުޅޭ މީހާގެ ވިސްނުން އެކަންޏެއް ނޫން، އަޅުގަނޑުމެން އަޑުއަހަން ބޭނުންވާ އެތި ބުނާ މީހާ ވިސްނުން އެކަންޏެއް ނޫން އަޅުގަނޑުމެން ހިމާޔަތްކޮށްދޭން ޖެހޭނީކީ އެއް، އަޅުގަނޑުމެންނާއި ސުލްޙަވެރިކަމާއެކު ސިޔާސީ ގޮތުން ދެބަސްވާ މީހާގެ ވިސްނުން އަދި މާބޮޑަށް އަޅުގަނޑުމެން ހިމާޔަތް ކޮށްދޭން ޖެހޭނެ، ދެބަސްވާ މީހާގެ ވިސްނުން ހިމާޔަތް ނުކުރެވިއްޖެއްޔާ މާދަމާ އަޅުގަނޑުގެ ވިސްނުން ހިމާޔަތް ކޮށްދޭނެ މީހެއް ނުހުންނާނެ" އީވާ ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ ވެރިކަމަށް އާދެވެނީ އަޣްލަބިއްޔަތު ލިބިގެން ކަމަށާއި ވެރިކަމަށް އައުމަށް ފަހު އެންމެ ފުރަތަމަ ވެސް ކުރަންޖެހޭނެ ކަމަކީ މައިނޯރިޓީގެ ހައްގުތައް ހިމާޔަތް ކޮށްދިނުން ކަމަށެވެ. ޑިމޮކްރަސީ އަކީ އަޣްލަބިއްޔަތަށް ތަބާވުމެއް ނޫން ކަމަށާއި ޑިމޮކްރަސީ އަކީ މައިނޯރިޓީ ހިމާޔަތް ކޮށްދިނުން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
12 ނޮވެންބަރ 2018 | ހޯމަ 22:13
ނަންނުކިޔާ
މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމަކީ އަނެކާގެ އަބުރުކަތިލުންތޯ؟ އަދި އެމީހާގެ އެއްވެސް ހައްޤެއްނޯންނަނީތޯ؟ ހަމައެކަނި ހިމާޔަތް ކުރަންޖެހެނީ ޚިޔާލުފާޅުކުރާ މީހާތޯ؟ ތީކޮންކަހަލަ އިންސާފެއއ؟