ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 22:38
ރައީސް މައުމޫނާއި އެމަނިކުފާނާ އެކު އިސްލާހީ ހަރަކާތުގައި އުޅުއްވާ މަޖިލީހުގެ މެމްބަރުން
ރައީސް މައުމޫނާއި އެމަނިކުފާނާ އެކު އިސްލާހީ ހަރަކާތުގައި އުޅުއްވާ މަޖިލީހުގެ މެމްބަރުން
ޓްވިޓަރ
ކުރީގެ ރައީސް މައުމޫން
ގޮނޑި ގެއްލުނު ކަމަށް ސަރުކާރުން ބުނާ 13 މެމްބަރުންނާ ރައީސް މައުމޫން ބައްދަލު ކުރައްވައިފި
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކުރިން ބުނި ނަމަވެސް ދާދި ފަހުން ވަނީ އެނިންމުން އަނބުރާ ގެންގޮސްފައި
އެ މެމްބަރުނަށް މަޖިލީހަށް ވަދެވަޑައިގެންނެވުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވި
ގޮނޑި ގެއްލުނު ކަމަށް ނިންމީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވުމުން

ސަރުކާރު ހިންގާ ޕީޕީއެމުން ވަކިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުންނާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ބައްދަލު ކުރައްވައިފިއެވެ.

މައުމޫނު ފައުންޑޭޝަންގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނު ހިންގަވާ އިސްލާހީ ހަރަކާތުގެ އެންމެ އިސްކޮށް އުޅުއްވާ އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕީޕީއެމްއަކީ 2013 ވަނަ އަހަރު ރައީސް މައުމޫން އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީއެކެވެ. އަދި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ނަމަވެސް 2015 ވަނަ އަހަރުން ފެށިގެން ޕީޕީއެމްގެ އެތެރޭގައި ޕީޕީއެމްގެ ރައީސް މައުމޫނާއި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް ޔާމީނާ ދެމެދު ހިޔާލުތަފާތުވުން އުފެދި ދެ ފެކްޝަނެއް އުފެދިގެން ދިޔައެވެ.

ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިގެންދިޔައީ ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކެއް ފެންމަތި ވުމުންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ރައްޔިތުންނާއި ގައުމަށް ގެއްލުންވާ ގޮތަށް ބައެއް ކަންކަން ކުރުމާއި ސަރުކާރުން ބޭނުންވާހާ ކަމެއް މަޖިލީހުގެ ތެރެއިން ކުރަމުންދިއުމާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދަމުން ދިއުމެވެ. 

ނަތީޖާއެއްގެ ގޮތުން ފާރިސް މައުމޫނާ އެކު ސަރުކާރު ޒިންމާދާރު ކުރުމަށް ނިކުންނެވި 12 މެމްބަރުން ވަނީ ޕީޕީއެމުން ވަކި ކުރައްވާފައެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި ހަރަކާތްތެރިވެފައި ވާތީ ޕީޕީއެމުން ވަކި ކުރައްވާފައެވެ.

ސަރުކާރުން ބުނަމުންދަނީ ޕީޕީއެމުން އެ މެމްބަރުން ވަކިކޮށް، ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނެރުނު އަމުރާ އެކު އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި ހިސާބުން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. 

ޕީޕީއެމް އުފެއްދުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވި ރައީސް މައުމޫނާއި ފާރިސް މައުމޫން ވެސް ވަނީ ޕީޕީއެމުން ވަކިކުރައްވާފައެވެ. .

އެ 13 މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރެއްވި އިރު، އެ މެމްބަރުންގެ ތެރެއިން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.  

ބާކީ ތިބި އަށް މެމްބަރުންގެ މައްސަލައާ މެދު ސްޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. އެ ގޮތުން ބުރާސްފަތި ދުވަހު ވެސް ދެ މެމްބަރެއްގެ ގޮނޑީގެ މައްސަލަ ތާވަލްކޮށްފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް